ހާލަތު ދަށްވުމުން ކައްކާ ގޭސް ރިފިލްނުކޮށް ރަށަށް އަނބުރާ ފޮނުވާލި ފުޅިތަކެއް އާކުރަނިކޮށް 'ފަޅާއަރައިފި' އެވެ. މި ފުޅިތަކަކީ ކުޅުދުއްފުށިން ތިލަފުއްޓަށް ކައްކާ ގޭސް ރިފިލްކުރަން ފޮނުވި ފުޅިތަކެކެވެ.
ފުލުހުން ބުނީ، ގެއެއްގެ ގޯތިތެރޭގައި ގްރޭންޑަރު ބޭނުންކޮށްގެން ގޭސް ފުޅިތަކެއް (ދަގަނޑު ފުޅި) ގާނާތަން ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ފެނުމާ ގުޅިގެން އެ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އެކަން ހިނގާފައިވަނީ މި ހުސްވި އެޕްރީލްމަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ، އެ ފުޅިތަކަކީ ތިލަފުއްޓަށް ގޭސް އެޅުމަށް ފޮނުވުމުން، އޭގެ ހާލަތު ދަށްވެފައިވާތީ ނުބައި ފާހަގަ ޖަހައި އަނބުރާ ފޮނުވާލި ފުޅިތަކެއް ކަމަށާއި ފުޅިތައް އަލުން ރީތިކޮށް ދަވާދުލައި، ތިލަފުއްޓަށް ފޮނުވުމުގެ މަސައްކަތްކުރަމުންދިޔަކަމަށް އެ މީހުން ބުނެފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.
އެގޮތަށް އަމަލުކުރިނަމަވެސް ގޭސް އެޅުމުގެ ކުރިން ފުޅީގެ ފެންވަރު ބަލައި ޗެކްކުރާ ކަމަށާއި ފެންވަރު ދަށްވެފައިވާ ފުޅިތަކަށް ގޭސް އަޅައި ނުދޭނެކަމަށް އެ މީހުން ބުނެފައިވާކަމަށެވެ. ފުލުހުން ވަނީ އެފަދަ ހާލަތަށް ދާ ފުޅިތައް ގޭސް އެޅުމަށް ނުފޮނުވުމަށް އިރުޝާދުދީފަ އެވެ.
މިމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު މިކަމުގެ ހަގީގަތް އެނގޭ ބަޔަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، ކައްކާ ގޭހުގެ ވިޔަފާރިކުރާ އެ މީހުންނަކީ މީގެ ކުރިންވެސް އެފަދައިން ކަންކުރާ ބައެއް ކަމަށާއި އެއީ މީހުން ފުރާނަ އާއި މުދަލަށް ނުރައްކާ އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ.
ފުޅިތަކުގެ ހާލަތު ބެލޭނެ ގިނަ ގޮތްތަކެއް ނުހުންނަކަމާއި ފުޅީގެ ހާލަތު އާންމުކޮށް ބަލަނީ ބޭރު ފުށުން ކަމަށެވެ. މީގެ ކުރިންވެސް ރިފިލްނުކޮށް ރަސްގެ ޖަހައި އަނބުރާ ރަށަށް ފޮނުވާ ފުޅިތައް ބޭރު ގާނައި ދަވާދުލައި އާކޮށް ފޮނުވުމުން އަލުން ގޭސް އަޅައިދޭ ކަމަށެވެ. އެކަން އެގޮތަށް ތިލަފުށިން ކުރަނީ ފުޅީގެ ހާލަތު ބެލޭނެ ގޮތް ނުހުންނާތީ ކަމަށް އެ މީހުން ކިޔައިދިނެވެ.
ފަހުން ފަޅާއެރި ފުޅިތައްވެސް އާކުރުމަށްފަހު ރިފިލްކުރަން ތިލަފުއްޓަށް ފޮނުވިނަމަވެސް އެ ފުޅިތައް ރިފިލްކޮށްދީފައެއްނުވެ އެވެ. އެހެން އެކަން ދިމާވީ ފެންވަރު ދަށް އެފުޅިތައް އާކޮށް އަލުން ރިފިލްކުރަން ފޮނުވާލިކަން ބަޔަކު ތިލަފުއްޓަށް ރިޕޯޓްކުރުމުންނެވެ. އެހެން އެ ފުޅިތައް ރަސްގެ ޖަހައި އަނެއްކާވެސް ރަށަށް ފޮނުވާލިކަމަށް އެ މީހުން ކިޔައިދިނެވެ. އޭގެ ތެރޭގައި 40 ފުޅި ހުއްޓެވެ.
މައުލޫމާތު އެނގޭ އެ މީހުން ކިޔައިދިން ގޮތުގައި ގޭސްފުޅިތަކުގެ ފެންވަރު ދަށްވުމުން، ގޭސް ނާޅައި އަނބުރާ ފޮނުވާލައި ފުޅިތަކަށް މީގެ ކުރިންވެސް އެ މީހުން އާކޮށް ގޭސް އަޅަ އެވެ.