ފުލުހުންނަށް އަމާޒުކޮށްގެން ޓްރެފިކް އެންހޭސްމަންޓް ޓްރެއިނިން ޕްރޮގުރާމެއް ފަށައިފިއެވެ.
މި ޕުރޮގުރާމަކީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ ހދ އަދި ށ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕުރޮގުރާމު ޖުލައި މަހުގެ 14 ން 27 އަށް ކުރިއަށްދާނެއެވެ
ކޮންމެ އަތޮޅެއް ވަކިވަކިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި މިއަދު ފަށާފައިވާއިރު މި ތަމްރީން ޕްރޮގްރާމުގައި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ހދ އަތޮޅުގެ އެހެން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވާނެ ކަމަށް ފުލުހުން ބެނެއެވެ.
އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ފުލުހުން އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަމަލުކުރަމުންދާ އުސޫލުތަކާއި ބެހޭގޮތުން މި ތަމްރީނު ޕްރޮގުރާމުގައި މައުލޫމާތު ދެވޭނެއެވެ. އަދި މީގެއިތުރުން މި ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ޓްރެފިކާ ގުޅުންހުރި ސިނާރިއޯތަކެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުން ބުނެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ޓްރެފިކާއި ގުޅުންހުރި ގާނޫނާއި ގާވާއިދުތަކަށް އަހުލުވެރިކޮށް އަމަލީ މައިދާނުގައި ބޭނުންވާނެ ތަމްރީނާއި ހުނަރު އިތުރުކޮށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ
.
މި ތަމްރީން ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ޓްރެފިކް މޭނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތްކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ ގާބިލް ފުލުހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.