ގެސްޓްހައުސް ކޮންފަރެންސް 2016 ގެ ނަމުގައި ގެސްޓްހައުސްތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފިއެވެ.
މި އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މޯލްޑިވްސް ގެޓް އަވޭސްއިން އިންތިޒާމްކޮށްގެން ވިލާ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއް ދުވަހުގެ މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިރާގުގެ ފަރާތުން ޗީފް މާކެޓިން އޮފިސަރ އިޒަބްލް ހަޖްރީ އަދި މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަނެވެ. އަދި މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ އެމްޑީ އަހްމީމް އަބްދުލް ރައްޒާޤް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. މުހަންމަދު ސަނީ އުމަރެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގަކީ އަބަދުވެސް ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެ ފަރާތްތަކަށް ވެދެވެން އޮތް ދާއިރާއަކުން އެއްބާރުލުންދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަމަށާއި އަދި ގެސްޓްހައުސްގެ ވިޔަފާރިތަށް ކުރިއަރާނެ ފުރުސަތުތައް ޓެކްނޮލޮޖީގެ ތެރެއިންވެސް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމްޖާދް ވިދާޅުވިއެވެ.
ދިރާގުން ވަނީ ދާދިފަހުން ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައެވެ. އަދި މި ކޮންފަރެންސަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް މިފަދަ އެތައް ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ޕްލެޓްފޯމެއް ކަމަށް ދިރާގުން ޤަބޫލުކުރާ ޤަބޫލުކުރުމަކީ މި ކޮންފަރެންސެއްގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވި އެންމެ ބޮޑު އެއްސަބަބުވުން ކަމަށްވެސް އިމްޖާދް ވިދާޅުވިއެވެ.
ދިރާގަކީ ވެސް މިހާރު ގެސްޓްހައުސްތަކަށް ހާއްސަ ހިދުމަތެއް ތަޢާރަފްކޮށް އެ ހިދުމަތް ފުޅާ ކުރަމުން އަންނަ ކުންފުންޏަކަށް ވާއިރު މި ކޮންފަރެންސްގެ އެހީގައި ގެސްޓްހައުސްތަކަށް މި ހިދުމަތަށް އިތުރަށް އަހުލުވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރާކަމަށާއި ދިރާގަކީ މުޅި ރާއްޖެއަށް ނެޓްވޯކް ފުޅާކޮށްފައިވާ ކުންފުންޏަކަށްވާއިރު އެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ ގާބިލުކަންހުރި ކުންފުންޏަކީވެސް ދިރާގު ކަމަށް އޭނާ ދެކެއެވެ އަދި މި ސަބަބަށްޓަކައި ވެސް މި ކޮންފަރެންސްގައި ދިރާގުގެ ބައިވެރިވުން އޮތުމަކީ މި ކޮންފަރެންސަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކާއި ފުރިހަމަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.