ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ހަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުން ކުރިއަށް ގެންދާ ރެޑީ ކޭމްޕު ށ. މިލަންދޫގައި ފަށައިފިއެވެ
.
3 ދުވަހުގެ މުއްދަތަށް ށ. މިލަންދޫ ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި އެސްކޫލުގެ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ 111 ދަރިވަރުން ބައިވެރިވެއެވެ. މިބައިވެރިންގެ ތެރޭގައި ހިމެނެނީ 57 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުންނެވެ
.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ހޭންޑް އިން ހޭންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ
.
ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާއި ކުށުގެ ނުރައްކަލުން ދުރުވެތިބެ ގައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެއެވެ. އެއާއެކު އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.