ކުޅުދުއްފުށީ މަގުތަކުގެ ހާލަތު ސަރުކާރަށް ތަކުރާރުކޮށް ހުށަހަޅާފައިވާނޭ ކަމަށާއި އެކަންކަން ކުރުމަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ. އަލީ ވިދާޅުވީ މަގުތަކުގެ ހާލަތު ރަނގަޅު ކުރެވޭނީ ސަރުކާރުން ކައުންސިލަށް އެއްބާރުލުންދީގެން ކަމަށެވެ.
ކޭއޯ އިންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހާޝިމް ވިދާޅުވީ ފެންގަނޑު ބޮޑުވާ ސަރަހައްދުތަކަށް ވެލިއަޅައި، ފެން ހިންދޭނެ ވަސީލަތަކެއް ކައުންސިލަކު ގާއިމްވެފައި ނެތް ކަމަށެވެ. ކުޅުދުއްފުށީގައި ހުންނަ ޕަބުލިކް ވޯރކްސްގެ ހުރި ވެލިކަލްތައް ވެސް އެކި ރަށްރަށަށް ސަރުކާރުން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހާޝިމް ވިދާޅުވީ އަމިއްލަ ބައެއްގެ ވެހިކަލްއަކާއި ފެނަކާގެ ވެލިކަލްއެއް ކުއްޔަށް ހިފައިގެން މަގުތަކަށް ވެލިއަޅަން މަސައްކަތް ކުރި ކަމަށާއި އެެހެން ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެލިކަލް ނެތުމުން ފެން ހިންދޭނެ ގޮތެއްވެސް ނެތް ކަމަށާއި ވެލި އެޅޭނެ ގޮތެއްވެސް ނެތް ކަމަށެވެ.
މިކަންކަމަކީ ސަރުކާރުން ކޮށްދިނިޔާ ކުރެވޭނެ ކަންތައްތައް ކަމަށްވާއިރު އެކަން ކުރަން ސަރުކާރުން އެއްބާރުލުން ނުދޭކަން އަލީ ފާހަގަކުރެއްވި އެވެ. އަލީ ހާޝިމް ވިދާޅުވީ ކުޅުދުއްފުށީ މަގުތަކުގައި ހާލަތާއި މެދު ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމަށެވެ. އެކަމުގެ މައުލޫމާތު އެކި ފަހަރު މަތި ރައީސަށާއި ކަމާ ގުޅުން ހުރި މިނިސްޓްރީތަކަށް ތަކުރާރުކޮށް ހުށަހަޅި ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެއިން އެއްވެސް ސިޓީގެ ޖަވާބެއް ކައުންސިލަށް ލިބިފައިނުވާކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.