މި އަހަރުގެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަށް ގެނެސް ހުރި ބޯޅަތައް ފަޅާލައިފި އެވެ.
ޒޯން ސްޓޭޑިއަމްގައި ހުރި 26 ބޯޅައިގެ ތެރެއިން 20 ބޯޅަ ވަނީ ފަޅާލާފަ އެވެ. މިއީ ބަޔަކު ޤަސްދުގައި ހިންގާފައިވާ އަމަލެއް ކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ މެންބަރ އިބްރާހިމް އައްބާސް މި ނޫހަށް މައުލޫމާތު ދިނެވެ. ބޯޅަތައް ފަޅާލާފައިވާކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ރޭ ޓީމު ބައްދަލުވުމެއް ބާއްވާފައިވާއިރު މާދަމާ ވަނީ ޕްރެކްޓިސް ފެށުމަށް ތާވަލު ކޮށްފަ އެވެ. އަދި މި އަމަލުގެ ސަބަބުން މާދަމާ ޕްރެކްޓިސް ފެށުމަށް ދަތިތަކެއް ދިމާވާނެ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވި އެވެ.
24 ގަޑިއިރު ސެކިއުރިޓީ ވޮޗަރުން ތިބޭ ޒޯން ސްޓޭޑިއަމްގައި މީގެ ކުރިންވެސް ވަނީ މިފަދަ ހާދިސާތައް ހިންގާފަ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޒިގްޒެގް ފުޓްބޯޅަ މުބާރާތް ބޭއްވިއިރު ޒިގްޒެގުން ގެނެސްހުރި ބޯޅަތައް ވަނީ ފަޅާލާފަ އެވެ. އަދި ސްކޯރ ދައްކަން ބަހައްޓާފައިހުރި ބޮޑު ސްކްރީން ވެސް ވަނީ ފަޅާލާފަ އެވެ.
ދާދި ފަހުން ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުވި ޒޯން ސްޓޭޑިއަމް ގައި މީގެ އިތުރުންވެސް ތަފާތު ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން މުބާރާތްތައް ބާއްވާއިރު ދަނޑަށް ފެން ޖަހަން މަސައްކަތް ކުރާއިރު ކުއްލިއަކަށް ފެން ޕަންޕް ހަލާކުވެފަ ހުރުމާއި، ކުއްލިއަކަށް ލައިޓްތައް އަނދާފައި ހުރެފަ ރަނގަޅުވުން ފަދަ ކަންތައްތައް ފާހަގަވެފައިވެ އެވެ.
އަދި ބޮޑު ޑިމާންޑެއް އޮންނަ ކުޅުދުއްފުށީ ފުޓްސަލް އެރީނާ ދޫކުރުމުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަވެފަ އެވެ. އަދި ޒޯން ސްޓޭޑިއަމްގެ ޒިންމާދާރުވެރިއެއްގެ ގޮތުގައި ހުންނަ ފަރާތް ފޯނު ނުނެގުމާއި އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން ފަދަ މައްސަލަތައް އެ ބޭފުޅާގެ ފަރާތުން ވަނީ ފާހަގަވެފަ އެވެ.
ޒޯން ސްޓޭޑިއަމްގެ ބައެއް މުއައްޒަފުންގެ ފަރާތުން ކަންކަން ކުރުމުގައި ބޮޑެތި އެހީތެރިކަންވެސް ލިބެމުން ދިޔަ ނަމަވެސް، ގިނަ މައްސަލަތަކެއް ފާހަގަވެފައިހުރި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އިސްލާހް ކުރުމަށް އެއްވެސް އިދާރާއަކުން މަސައްކަތް ކުރަމުން ނުދާ ކަމީ ހިތާމަކުރަން ޖެހޭ މައްސަލަ އެކެވެ.