ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި އަޅައި 3 ބުރީގެ ކްލާސް ރޫމް ބްލޮކަކާއި، އޮޑިޓޯރިއަމްގެ ބިންގާ މިއަދު އަޅައިފި އެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ އިމާރާތުގެ ބިންގާ އަޅުވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފެވެ.
ބިންގާ އަޅުވައިދެއްވަނީ–
އެސް.ޖޭ ކޮންޓްރަކްޝަނާ ހަވާލުކޮށްގެން ހަދައި މި ދެ އިމާރާތުގެ ތެރެއިން އޮޑިޓޯރިއަމް އަޅަން ހަމަޖެހިފައިވަނީ ކުރީގެ ފަންއިލޮށި ކެފޭ ހުރި ސަރަހައްދުގަ އެވެ. ކުލާސް ރޫމް އަޅަނީ ކެމްޕަހުގެ އިރުމަތި ފަރާތުގަ އެވެ.
ކްލާސް ރޫމް އިމާރާތުގައި ކެންޓީނަކާއި ލެބޯޓްރީއެއްގެ އިތުރުން ޕްރިޕަރޭޝަން ރޫމެއް ހިމެނެގޮތަށް އިމާރާތް ކުރާ މި ދެ އިމާރާތަކީ 19 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިމާރާތެކެވެ. 150 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމް އިމާރާތުގެ އަގަށް 8.7 މިލިއަން ރުފިޔާ އަރާއިރު 3 ބުރީގެ ކުލާސް ރޫމް އިމާރާތަށް 10.3 މިލިއަން ރުފިޔާ އަރަ އެެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން–
މި ދެއިމާރާތުގެ މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކޮށްފައިވަނީ އެސްޖޭއޭ ކޮންޓްރަކްޝަނާ އެވެ.
މިރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.