ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަަކަށް ހެދުމަށް ކުރަމުންގެންދާ މަޝްރޫއުގެ ދަށުން އޯގަސްޓްމަހު އަލުން މަސައްކަތް ފަށާނެ ކަމަށް އެމްއާރުޑީސީން ބުނެފި އެވެ.
ކުޅުދުއްފުށި އޮންލައިނަށް ދެއްވި އިންޓަވިއުގެ އެމްއާރުޑީސީގެ އާ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ލަސްވީ ހަމައެކަނި ކުޅުދުއްފުއްޓަކު ނޫން ކަމަށާއި ހަނިމާދޫ އާއި މަހިބަދޫ އަދި ދިއްދޫ ފަދަ ރަށްރަށުގެ މަގު ހެދުން ވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ލަސްވެގެން ދިޔަ ކަމަށެވެ. މަގުތައް ހެދުން ލަސްވެގެންދިޔަ އެ ސަބަބަކީ ބޭނުންވާ ވަރަށް އެމްއާރުޑީސީގައި ވަސީލަތްތައް ނެތުމުން ކަމަށާއި އެހެން ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމަ އެކު ގިނަ އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރައްޒާގު ވިދާޅުވީ ކުޅުދުއްފުށީގައި ހަދަން ހަމަޖެހިފައިވާ މަގުތައް ސާފުކުރުމުގެ މަސައްކަތް މިމަހު ކުރާނެ ކަމަށާއި އަންނަ އޯގަސްޓްމަހު އަމަލީ މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެގެ އެކި ސަރަހައްދުތަކުގައި އެމްއާރުޑީސީ ކުރިއަށް ގެންދާ މަގު ހެދުމުގެ ތަފާތު ޕްރޮޖެކްޓްތައް ލަސްވި ނަމަވެސް ކުރިއަށް އޮތްތާ ދިމާވެފައިވާ ހުރަސްތައް ނައްޓާލާ މަގު ހެދުމުގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތްތައް އަލުން ފެށުމުން އަލުވިކަމާ އެކު މަސައްކަތް ކުރިއަށްދާ ތައް ރައްޔިތުންނަށް ފެންނާނެ ކަމަށް އަބުދުއްރައްޒާގު ވިދާޅުވި އެވެ. އަބުދުއްރައްޒާގު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދީފައިވާ ޕްލޭނާއި އެގޮތަށް އެމުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. އެއަށް ފަހު ރައީސް ވަހީދުގެ ވެރިކަމުގެ ކުޅުދުއްފުށިގެ އަމީނީމަގުގައި ތާރު އެޅުން ފިޔަވާ އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.