ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީން ނަރުސްކަމުގެ ދާއިރާއިން ދެ ކޯހެއްގައި ހިލޭ ކިޔެވޭ 500 ފުރުސަތު ހުޅުވާލައިފި އެވެ
އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލާފިއެވެ. އަދި މި ކޯހަށް ހޮވާ ދަރިވަރުންނަކީ ސްޕޮންސާކޮށްފައިވާ ދަރިވަރުންނަށް ވާނެތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެ ކަމަށް އެ އޮތޯރިޓީއިން ކުރި އިއުލާނުގައި ވެއެވެ.
ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ހޮސްޕިޓަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ވެސް ފޮނުވޭނެ ކަމަށް އެއޮތޯރިޓީން ބުނެއެވެ
އެ އޮތޯރިޓީން ހުޅުވާލާފައި ވާ ދެ ކޯހަކީ ނަރުސްކަމުގެ ސެޓްފިކެޓް ހަތަރެއްގެ ކޯހަކާއި ނަރުސް ކަމުގެ ޑިޕްލޮމާ ކޯހެވެ. ސެޓްފިކެޓް ހަތަރެއް ކޯހަކީ 12 މަސް ދުވަހަށް ކުރިޔަށްދާ ކޯހެކެވެ. މި ކޯހަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން ސީ ގްރޭޑު ލިބިފައިވާ ފަރާތްތަކަށެވެ.
އަދި ނަރުސްކަމުގެ ޑިޕްލޮމާ ކޯހަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިހާނުން ސައިންސް ސްޓްރީމުގައި ކިޔަވައި ތިން މާއްދާއިން ސީ ގްރޭޑު ލިބި އަދި ނަރުސްކަމުގެ ސެޓްފިކެޓް ހަތަރެއް ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިއީ 3 އަހަރުގެ ކޯހެއްކަމަށް އެއޮތޯރިޓީން ބުނެއެވެ.
މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމް ލާނެޖެހޭކަމަށް އެއޮތޯރިޓީން ބުނެއެވެ.