ގައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި އަޅައި 3 ބުރީގެ ކްލާސްރޫމް ބްލޮކްކާއި އޮޑިޓޯރިއަމްގެ މަސައްކަތް ނިމުނާއި އެކު ކެމްޕަހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މި ދެ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ހެނދުނު ކުޅުދުއްފުށީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ދެ އިމާރާތް ހަމަޖެހިގެން މިދިޔައީ ކެމްޕަހަަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައި ވަނިކޮށްކަމަށާއި އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެ އިތުރުން މި އިމާރާތް ވެގެންދާނީ ކުޅުދުއްފުށީގެ އިތުރުން މި ސަރަހައްދަށް ވެސް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމަކަށް ކަމަށާއި އެެހެންކަމުން ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށާއި ލެކްޗަރާއިންނަށްވެސް މިރަށަކީ ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް މަސައްކަތްކޮށްދެވުމަށް ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ޗާންސެލަރ އިލްތިމާސް ކުރެއްވި އެވެ.
އޭގެ އިތުރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް އުގަންނައިދޭ ފިލާވަޅުތަކާއި އެއްވަރަށް އަހުލާގު ހިފެހެއްޓުމަށް ދަސްކޮށް ދިނުމަށްވެސް ލެކްޗަރާއިންގެ ކިބައިން އެދިލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މިފަދަ ތަރައްގީގެ ކޮންމެ ޕްރޮޖެކްޓަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ކެމްޕަހުގެ އައު ބިމެެއް ކުޅުދުއްފުށީ ހިއްކި ބިމުގައި ސަހަރައްދުގައި އެބައިން ކަމަށާއި ވިހާވެސް އަވަހަކަށް އެބިން ގައުމީ ޔުނިވާރސިޓީގެ ބިމެއްގޮތުގައި ހަމަޖައްސަވައި ދެއްވުމަށް ޗާންސެލަގެ އަރިހުން އަލީ މުހައްމަދު އެދިވަޑައިގަތެވެ.
މިއަދު ބިންގާ އެޅިގެން މިދިޔަ ދެ އިމާރާތުގެ ތެރެއިން އޮޑިޓޯރިއަމް އަޅަން ހަމަޖެހިފައިވަނީ ކުރީގެ ފަންއިލޮށި ކެފޭ ހުރި ސަރަހައްދުގަ އެވެ. ކުލާސް ރޫމް އަޅަނީ ކެމްޕަހުގެ އިރުމަތި ފަރާތުގަ އެވެ. ކެމްޕަހުގެ އައު ކްލާސް ރޫމް އިމާރާތުގެ މަސައްކަތް ނިންމުމުން ސައިންސް ލެބަކާއި ކެންޓީނެއްގެ އިިތުރުން ޓެސްޓު ހަދާނެ ހޯލެއް އިތުރު ވެގެން ދާނެ އެވެ.