ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު އަދި ރެސްޓޯރެންޓްތަކުން ކާލުމަށްފަހު ފަސޭހައިން ބިލަށް ފައިސާ ދައްކާލެވޭ އާ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާ ކުރެވިފައިވާ ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ފައިސާ ދެއްކޭނެ ނިޒާމާއި ޕީއޯއެސް ޓާމިނަލްގައި މޯބައިލް ނަންބަރު ޖަހައިގެން ފައިސާ ދެއްކޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީގެ އިތުރުން ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް އެއްކަސްޓަމަރަކު އަނެއް ކަސްޓަމަރަކަށް ފައިސާ ފޮނުވުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވދާޅުވީ މިއީ ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ގޮތެއް ކަމަށެވެ. އަދި ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ފިހާރަ އަދި ކޭފަތަކަށް ފައިސާ ދެއްކުމަށާއި އާއިލާގެ މެންބަރުންނަށާއި ރައްޓެހިންނަށް ފައިސާ ފޮނުވުން އަވަސްވެ ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް މޮބައިލްޕޭ އާ އެކު ކަސްޓަމަރަށް ޕްރިޕެއިޑް އެކައުންޓެއް އެޕްގައި ހުޅުވޭނެ އެވެ. މި އެކައުންޓަށް ކަސްޓަމަރުގެ ބޭންކު އެކައުންޓުން ބޭނުން ވަގުތަކު ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. ކަސްޓަމަރުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ހިދުމަތަށް ރަޖިސްޓްރީ ކުރެވޭއިރު ރަޖިސްޓްރީ ކުރުމާއެކު ކަސްޓަމަރުގެ ހުރިހާ ކާޑެއް ބީއެމްއެލް މޮބައިލް ޕޭ އެޕްގައި ހިމެނޭނެ އެވެ.
ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ މޮބައިލްޕޭ މެދުވެރިކޮށް ކަސްޓަމަރުންގެ ނިއާ ފީލްޑް ކޮމިއުނިކޭޝަން ގެ ހިދުމަތް އެކުލެވޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެންއެފްސީ ގެ ހިދުމަތް ނުލިބޭ ފޯންތައް ގެންގުޅޭ ކަސްޓަމަރުން ފައިސާދެއްކުމަށް ޕީއޯއެސް ޓާމިނަލްގައި މޮބައިލް ނަންބަރު ޖަހާލުމުން ފައިސާގެ މުއާމަލާތާ ގުޅޭ ގޮތުން ފޯނަށް ނޮޓިފިކޭޝަން އެއް ލިބޭނެ އެވެ. އެޕް މެދުވެރިކޮށް ކަސްޓަމަރު މި ނޮޓިފިކޭޝަން އެޕްރޫވް ނުކުރަނީސް އެކައުންޓުން ފައިސާ ޓްރާންސްފާ ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.