މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޕްރެކްޓިސްއަށް ގެނެސްފައި ހުރި ބޯޅަތައް ފަޅާލާފައިވަނީ ކުޅުދުއްފުށީ ސްޓޭޑިއަމް ހިންގުމާ ހަވާލުވެހުރި އާދަމް މުހައްމަދު ކަމަށް އެތަނުގެ ގިނަ މުވައްޒަފުންތަކެއް ބުނެފި އެވެ. ބޯޅަތައް ފަޅާލާފައިވަނީ ސްޓޭޑިއަމްގެ ގުދަނެއްގައި ހުއްޓަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކޭއޯއަށް މައުލޫމާތު ދެއްމުން އެތަނުގެ މުވައްޒަފުންތަކެއް ބުނީ ބޯޅަތައް ހުންނަ ގުދަނުގެ ތަޅުދަނޑި އޮންނަނީ އާދަމް އަތުގައި ކަމަށާއި އެތަނުން މުވައްޒަފުންގެ ތެރެއިން ދެން ތަޅުދަނޑި އޮންނާނީ ޑިއުޓީގައި ހުންނަ ވޮޗަރެއްގެ އަތުގައި ކަމަށެވެ. އަދި އެކަން ހިނގާނީ ސީދާ އާދަމްގެ ބެލުމުގެ ދަށުން ކަމަށްވާއިރު ބޯޅަތައް ފަޅާލުމުގައި އާދަމްގެ އަތެއް ނޯވެ ނުދާނެ ކަމަށް އެމީހުން ބުނެ އެވެ.
ސްޓޭޑިއަމްގެ މުވައްޒަފުން ބުނީ އެމީހުން އެތަނުގެ ވަޒީފާގައި އުޅެނިކޮށް އެތަނުގެ ވެރިންނަށް 3 މީހަކު އައިސްފައިވާ ކަމަށާއި އެއިރު އެކަހަލަ މައްސަލަ ނުޖެހޭ ކަމަށެވެ.
“މީގެ ކުރިން އަހަރެމެންނަށް އެތައް ވެރިންނެއް ފެނިއްޖެ. އަހަރެމެން ނޫޅެން އެއްޗެއް ގެއްލިގެން، ތަނުގައި ހުންނަ އެއްޗެއް ހަލާކު ވެގެންނެއް. އާދަމް އައި ފަހުންނޭ މިފަދަ މައްސަލަތައް ނިކުންނަށް ފެށީ. ތަޅައް ސުޕަގުލް އަޅައިފި. ތަޅެއް ހަލާކު ކޮށްލައިފި. ދެ ކަތިވަޅި ފޮރުވައިފި. ދެން ކިޔާނެ ކަމެއް މިފަދަ އެތައް ކަމެއް ހިނގައިފި” އެމީހުން ބުންޏެވެ.
މިކަމުގައި ސްޓޭޑިއަމް ހިންގުމާ ހަވާލުވެހުރި އާދަމް މުހައްމަދުގެ ބަހެއް ހޯދާލުމަށް ގުޅައި ލުމުން އޭނާ ވިދާޅުވީ ބޯޅަތައް ފަޅާލުމުގައި އޭނާގެ އަތެއް ނުވާ ކަމަށާއި އެއީ ސީދާ ދޮގެއް ކަމަށެވެ. އާދަމް ވިދާޅުވީ ބޯޅަތައް ހުންނަ ތަނަކީ ވޮޗަރުން ހުޅުވައި ލައްޕާތަނަކަށް ވާއިރު އަދި އޭނާ އެތަނުގެ ނޫޅޭ ވަގުތުތަކުގައި އެތަނުގައި ހިންގާ ކަންކަން ނޭނގޭ ކަމަށެވެ.
އާދަމް ވިދާޅުވީ އޭނާ އެތަނުގެ ވަޒީފާއަށް ނުވަންނައިރު ވެސް އެތަނުގައި އެފަދަ ކަމެއް ހިންގާފައިވާ ކަމަށެވެ. އެކަމަކީ ޒިގްޒެގް މުބާރާތަށް ގެނެސްފައިހުރި ބޯޅަތަކެއް އެތަނުގައި ހުއްޓާ ފަޅާލައި މައްސަލަ އެެވެ.
ޒޯން ސްޓޭޑިއަމްގައި ހުރި 26 ބޯޅައިގެ ތެރެއިން 20 ބޯޅަ ވަނީ ފަޅާލާފަ އެވެ.