ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ނިމޭ ހިސާބުގައި އެމަސައްކަތް ނިންމާ، ހިދުމަތް ދެވޭ ވަރުވާނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
އެޑްވާންސް ވޫންޑް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި ކުޅުދުއްފުށި އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ އަބުދުﷲ ވަހީދު ވިދާޅުވީ ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓާ ގެނައުމަށްޓަކާ މިނިސްޓްރީން މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް ނިންމާ އަންނަ އަހަރުގެ ފަހުކޮޅު ޓާޝަރީ ފެންވަރުގެ ހިދުމަތްތަކެއް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ.
“މި އަންނަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މި ދެންނެވި ފެންވަރަށް ޓާޝަރީ ފެންވަރޭ މި ކިޔަނީ މީގެ ހައެއްކަ އަހަރު ކުރިން އައިޖީއެމްއެޗް ހުރި ފެންވަރަށް މިތަން (ކުޅުދުއްފުށީ ހޮސްޕިޓާ) އެ ފެންވަރަށް އަންނާނެ. އެއިރުންވެސް ގާތްގަނޑަކަށް ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ” ސްޓޭޓް މިނިސްޓަރު އަބުދުﷲ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން މިހާރު މުވައްޒަފުން ރެކްރޫޓް ކުރުމުގެ މަސައްކަތް ފަށާގަނެވިފައިވާ ކަމަށާއި އެއާ އެގޮތަށް މުވައްޒަފުން ރެކްރޫޓް ކުރުމުން ކުރިއަށް އޮތް އަހަރުތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެފެންވަރަށް ތަން ތަރައްގީކުރާ އިރު އެންމެ މުހިއްމު އެއް ކަމަކީ އެކަށީގެންވާ މެނޭޖްމެންޓެއް އޮތުންކަން ފާހަގަކުރައްވަމުން ސްޓޭސް މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗް ފެންވަރުގެ ހައި ލެވެލް މެނޭޖްމެންޓެއް މިހާރު ތަރައްގީކޮށްފައިވާނޭ ކަމަށެވެ.
ޑރ އަބުދުﷲ ވަހީދު ވިދާޅުވީ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން އެމެޖެންސީ ފަރުވާ ދޭނެ ބަޔަކާއި އިމާރާތުގެ ބަޔަށް ބައެއް ޑިޒައިންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެކަމަށެވެ.
ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުވެގެންދާއިރު ހޮސްޕިޓަލުން ދޭނެ ހިދުމަތްތައް ވެސް މިހާރު ކަނޑައަޅައި ނިމިފައިވާ ކަމަށް ޑރ އަބުދުﷲ ވަހީދު ވިދާޅުވި އެވެ.
“އިތުރަށް ލިބެނީ މިހާރު މިތާގަ ނެތް ބައެއް ފެސިލިޓީސްތަށް. މިހާރު މިސާލަކަށް ނިއުރޯ ސާޖަންއެއް ލިބިގެން ދާނެ. ދެން ދާއިމީ ގޮތެއްގަ ކާރޑިއޮލޮޖިސްޓެއް ގެ ހިދުމަތް ލިބިގެން ދާނެ އެހެންވީމަ އެކަހަލަ ބައިވަރު ހިދުމަތްތައް ހުންނާނެ” ޑރ އަބުދުﷲ ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރާނެކަމަށް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.