މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖެ އަށް ހާއްސަކުރެވިފައިވާ ފުރަތަމަ ވައިބާ ސްޓިކާ ޕެކް އުރީދޫ އިން ތައާރަފްކޮށްފިއެވެ.
ދިވެހި ވައިބްސް ސްޓިކާ ޕެކް ކޮންމެ ބޭފުޅަކަށްވެސް ވައިބާ ސްޓިކާ މާކެޓް އިން ހިލޭ ޑައުންލޯޑުކޮށް ބޭނުންކުރެވޭނެއެވެ.
ދިވެހި ވައިބްސް އަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ލޮބުވެތި ދިވެހި ބަސް ދައްކުވައިދޭ ސްޓިކާ ސެޓް އެއް ކަމަށްވާއިރު މިނިވަން ދުވަހަކީ މި ސެޓް ތައާރަފް ކުރުމަށް ވަރަށް އެކަށޭނަ ދުވަހެއް ކަމުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ. ދިވެހިންގެ އާދަކާދައިގައިވާ ބައެއް ކަންތައްތަކާއި ތަޖުރިބާތައް އަނެކާއަށް ކިޔާދިނުމުގައި އެންމެ ފުރިހަމައީ ދިވެހިބަސް ކަމަށްވެފައި ބައިންލްއަގްވާމީ ޗެޓް ޕްލެޓްފޯމް ކަމުގައިވާ ވައިބާގައި ވެސް ފަހުރުވެރިކަމާއި ދިވެހި ބަހުން ހިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބެގެންދާނެ ކަމަށް ވިކްރަމް ސިންހަ ވިދާޅުވިއެވެ.
ދިވެހި ބަހުން ފަރުމާކުރެވިފައިވާ ސްޓިކާ ސެޓުގައި މިހާރުގެ ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރެވޭ ބައެއް ބަސްތައް ފެނިގެންދެއެވެ. މީގެ ތެރޭގައި ބާއްޖަވެރި ހެނދުނެއް، ނެއްތަ ކޮފީއެއް، ހަބޭސް، އޮބިނޯވޭ، ހިނގާ ބުރެއް ޖަހާލަންދާން، މިފަދަ ބަސްތައް ހިމެނެއެވެ. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫ އިން ވަނީ ވަރަށް ހެޔޮއަގުގައި ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ ވައިބާ5 އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި ވައިބާ11 ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެ އެވެ.
އުރީދޫ އިން މަސައްކަތް ކުރަމުން ދަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފައިދާހުރި އަދި އެބޭފުޅުން ހިތްހަމަޖެހޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.