މިއަދުން ފެށިގެން 5 ރުފިޔާ ފިޔަވާ ކުރީގެ ނޫޓް ވިޔަފާރީގެ މުއާމަލާތްތަކުަގައި ބޭނުމެއް ނުކުރެވޭނެ އެވެ.
އެމްއެމްއޭ އިން މައުލޫމާތު ދޭގޮތުގައި ރޭ 12.00 ގެ ފަހުން ކުރީގެ ނޫޓް ތަކުން ވިޔަފާރި މުއާމަލާތް ނުކުރެވޭނެ އެެވެ. އެގޮތުން ބޭނުން ނުކުރެވޭ ކުރީގެ ނޫޓް ތަކުގެ ތެރޭގައި 2ރުފިޔާ، 10ރުފިޔާ، 20ރުފިޔާ، 50ރުފިޔާ، 100ރުފިޔާ އަދި 500ރުފިޔާ ގެ ނޫޓް ހިމެނެއެެވެ.
247 މިލިއަން ރުފިޔާގެ ކުރީގެ ނޫޓް އަދިވެސް ދައުރުވާ ފައިސާގެ ތެރޭގައި ހިމެނޭކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ. މިއަހަރުގެ ޖެނުއަރީ 25 ހަމައަށް ދައުރުވަމުންދާ ފައިސާ ޖުމްލަ 2907 މިލިއަނަށް އަރައެވެ. ނަމަވެސް މި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭ އިން ވަނީ 2654 މިލިއަން ރުފިޔާ ނަގާފައެވެ. އެއީ ކުރީގެ ނޫޓް ތަކުަގެ 91.5 ޕަސެންޓެވެ. އަދި 247 މިލިއަން ރުފިޔާ ބާކީ ނުނެގި ހުރިކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ. އެއީ 8.5 ފަސެންޓެވެ.
ކުރީގެ ނޫޓްތައް ބޭނުންކުރަން ދީފައިވާ މުއްދަތު ހަމަވުމުންވެސް ބޭންކު ތަކުން މިއަހަރު ނިމެންދެން ކުރީގެ ނޫޓް ފަހުގެ ނޫޓްތަކަށް ބަދަލުކޮށްދޭނެ އެވެ. އަދި ކުރިއަށް އޮތް 5 އަހަރަށް އެމްއެމްއޭ އިން ކުރީގެ ނޫޓްތައް ފަހުގެ ނޫޓްތަކަށް ބަދަލުކޮށްދޭނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.