twitterviber whatsapp telegramfacebookyoutube instagram
19th May 2025

އުތުރުގެ 3 އަތޮޅުގައި ފުލުހުން ހިންގި ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގުރާމު ނިންމާލައިފި

Aug 1, 2016

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅުތަކަށް ހިންގި ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް ނިންމާލައިފިއެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ ހދ އަދި ށ. އަތޮޅުގައި މި ޖުލައި މަހުގެ 14-27 އަށް ހިންގި މި ޕްރޮގްރާމުގައި ވަނީ ސްކޫލު ދަރިވަރުންނާއި ސްކޫލުތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި 3 އަތޮޅުގެ ޖުމްލަ 827 ދަރިވަރުންނަށާއި 644 ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. ހދ. ކުޅުދުއްފުށީގެ ޒުވާނުންގެ ތެރެއިން 21 ޒުވާނަކަށާއި ޓެކްސީ ޑްރައިވަނުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ރައްޔިތުންނަށާއި ސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހިންގި އެކި ސެޝަންތަކުގައި ވަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި ބެހޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އެގޮތުން މަގުމަތީގައި އުޅޭއުޅުމުގައި ސަމާލުކަން ދޭންވީ މުހިއްމު ކަންކަމާއި ބެހޭގޮތުން ވަނީ މައުލޫމާތު ދީފައެވެ. އަދި މީގެ އިތުރުން ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާފާނެ ނުރައްކާތެރި އެކްސިޑެންޓްތަކާއި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ފަރުދީ ގޮތުން އަދާކުރެވިދާނެ ޒިންމާތަކާއި ގުޅޭގޮތުން ސެޝަންތަކުގައި މައުލޫމާތު ދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުމަށް ސިލްސިލާކޮށް ތަފާތު ޕްރޮގްރާމްތައް ފުލުހުން ދަނީ މާލެއާއި އަތޮޅުތަކުގައި ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355