މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ އާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ރާއްޖޭގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުތައް އިތުރުކުމުގެ އެމްޔޫއެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފާއި މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު ޓަން ސްރީ ޑަޓޯ ވިރާ ޑރ. މުހައްމަދު ޝުކުރީ އަބްދުލް ޔާޖިދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން މެލޭޝިޔާ ޔުނިވާސިޓީގެ ޕީއެޗްޑީ ރާއްޖޭގެ އެމްއެންޔޫގައި ހެދުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. އަދި ދެ ޔުނިވާސިޓީ ގުޅިގެން މަތީ ތައުލީމުގެ އިތުރު ކޯސްތައް ހިންގުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ އެވެ. ހަމައެހެންމެ އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ވެސް ފަސޭހައިން ޕީއެޗްޑީ ހެދުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ތައުލީމީ ދާއިރާއިން ޕީއެޗްޑީ މިހާރުވެސް އެމްއެންޔޫގައި ހެދެ އެވެ. އެ ޔުނިވާސިޓީން ބުނީ ކައިރި މުސްތަގުބަލެއްގައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭ ކޯސްތައް އިއުލާނުކުރާނެ ކަމަށެވެ.