މަސް ބާނަށް ގެންގުޅޭ ދޮށީގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށް ފުލުހުން އަތުލައިގަނެފި އެެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 6 ޖަހާއެހާއިރު ކުޅުދުއްފުށިންނެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކަމަށެވެ. ފުލުހުން ބުނީ އެފަރާތްތައް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހާގެ އަތުގައި އެވަގުތު އޮތް މަސްބާނާ ދޮއްޓެއް ބަލައި ފާސްކުރިއިރު އެދޮށި ތެރޭގައި ސެލޯޓޭޕް އަޅައި ބަންދުކޮށްފައި އޮތް ކަރުދާސްގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި ބަދުއަހުލާޤީ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ކުޅުދުއްފުށީ ކޯޓުން އެމީހާގެ ބަންދުގެ މުއްދަތަށް 10 ވަނީ ޖަހާފަ އެވެ. މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހްގީގުކުރަމުންނެވެ.