ހދ އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ސަގީފް އެކައުންސިލުތަކުގެ ބައްދަލުވުންތަކުގައި ބައިވެރިނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކޭއޯއަށް އެނގިފައިވާ ގޮތުގައި ސަގީފް ޖަލްސާތަކުގައި ބައިވެރިނުވާތާ މިހާރު ވަނީ 2 މަސްވެފަ އެެވެ. އަދި ސަގީފް މިހާރު ރިސޯޓެއްގައި ވަޒީފާ އަދާކުރާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.
އަތޮޅު ކައުންސިލުން ބުނީ ސަގީފް ޗުއްޓީއަށް ވަޑައިގަންފަހުން އެބުރި ނާނަ ކަމަށެވެ. ސަގީފް ޗުއްޓީ މިހާރު ހަމަވެފައިވާ ކަމަށާއި މިހާރު ފޮނުވަނީ ސަލާމްކަމަށް ކައުންސިލުން ބުނެ އެވެ. ސަގީފް އަދި އަތޮޅު ކައުންސިލު މެމްބަރުކަމުން އިސްތިއުފާ ނުދެއްވާ ކަމަށް ކައުންސިލުން ބުނެ އެވެ.
މިކަމުގައި ސަގީފްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
10 މެމްބަރު ތިއްބަވާ ހދ އަތޮޅު ކައުންސިލުގައި މިހާރު ތިއްބަވަނީ 8 މެމްބަރުންނެވެ. މީގެ ކުރިން އެކައުންސިލުންގެ ހަނިމާދޫ ދާއިރާގެ މެމްބަރު އާދަމް ނާސިރާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަބުދުލް މުހައިމިނު ވަނީ ކައުންސިލުން މެމްބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.