ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިސްމާއިލް އަހުޝަން(އައްބެ) މިއަދު މެންދުރުފަހު ފުލުހުން ހައްޔަރުކޮށްފި އެވެ
ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއް 26 އަހަރުގެ މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ފާޅު ބޯޓުން މަސްތުވާތަކެތި ކުޅުދުއްފުއްޓަށް އެތެރެކޮށް، ފުޅާ ދާއިރާގައި އެވިޔަފާރިކުރާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ހައްޔަރުކުރި ވަގުތު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނުނުކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން ބުނީ އަދިވެސް އެއޮޕަރޭޝަން ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް ފުލުހުން ބުނެ އެވެ.