މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އެކަޑަމީއެއް ހދ ނޮޅިވަރަމްގައި ގާއިމްކުރަން ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި އެކަޑަމީގެ މަސައްކަތް ފަށަން މާޒިޔާ އިން ނޮޅިވަރަމްގ އިތުރުން، އިތުރު 3 ރަށެއްގައި ފަށަން ވެސް ސޮއިކުރި އެވެ. އެއ ރ. ދުވާފަރު، ނ. ހޮޅުދޫ އަދި ބ.ތުޅާދޫގަ އެވެ.
މާޒިޔާއިން ބުނީ އެކަޑަމީގެ މަސައްކަތް ފަށަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެކަޑަމީގެ މަސައްކަތް ރަށްތަކުގައި ފަށާނެ ކަމަށެެވެ.
މާޒިޔާގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ އެ ކްލަބުން މި ހަތަރު ރަށުގައި އެކަޑަމީގެ މަސައްކަތް ފަށަން ނިންމީ ރަށްރަށުގެ ކުދިންނަށް ވެސް އެންމެ ރަނގަޅު ފެންވަރުގައި ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި މިރަށްތަކުން ފުރިހަމައަށް ސަޕޯޓް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަޑަމީ ފަށަން ކޮންމެ ރަށަކަށް ވެސް ދެނީ 50 ކުޅުންތެރިންނަށް ބޭނުންވާ ސާމާނުކަމަށް ވައްހާބު ވިދާޅުވި އެވެ. ވައްހާބު ވިދާޅުވީ މި ހަތަރު ރަށުގައި ފެށި ނަމަވެސް ކުރިއަށްދާ ގޮތަށް ބަލާފައި މި އަހަރު ތެރޭގައި އިތުރު ތިން ރަށެއްގައި އެކަޑަމީ ފެށޭނެ ކަމަށެވެ.