ކުޑަހުވަދު ދާއިރާހެ މެންބަރު އަހުމަދު އާމިރު ހުށައެޅި ކައުންސިލްތަކުގެ އުމުރުު ފަސް އަހަރަށް ބަދަލު ކުރުމާއި އާންމު ރައްޔިތުންގެ ތެރޭގައި ނަގާ ވޯޓަކުން ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ހުށަހެޅި ދެ އިސްލާހު ރައްޔިތުން މަޖިލީހުން ފާހެއްނުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ހުށައެޅި އިސްލާހަކީ ގާނޫން އަސާސީއަށް ގެންނަ އިސްލާހަކަށް ވާތީ އެ ފާސް ކުރުމަށް މަޖިލީހުގެ 64 މެންބަރުންގެ ވޯޓު ބޭނުންވެއެވެ. އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ 51 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އިސްލާހު ކުރާއިރު، އެ މާއްދާގައި މިހާރު އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.
އާމިރު ވަނީ މިދިޔަ ދައުރުގައި ވެސް ކައުންސިލްތަކުގެ އިންތިހާބު ފަސް އަހަރަށް ބަދަލު ކުރަން ގާނޫން އަސާސީއަށް އިސްލާހެއް ހުށަހަޅައިފައެވެ. ނަމަވެސް އެ ފަހަރުވެސް އިސްލާހު ފާސްނުވީ ބޭނުންވާ ވަރަށް ވޯޓު ނުލިބިގެންނެވެ.