އަބުރުގެ ބިލަށް ކުޅުދުއްފުށީ ދާއިރާގެ 2 މެންބަރުންވެސް ވޯޓެއް ނުދެއްވި އެވެ.
ކުޅުދުއްފުށީ ދާއިރާގެ 2 މެންބަރުންކަމަށް އަބްދު ޣަފޫރު މޫސާއައި މުހައްމަދު ނަޝީދު މި ބިލަށް ވޯޓު ދެއްވާފައި ނުވާއިރު ހަނިމާދޫ ދައިރާގެ މެންބަރު ހުސެއިން ޝަހުދީ ވަނީ މި ބިލަށް ވޯޓު ދެއްވާފަ އެވެ. އަދި މަކުނުދޫ ދާއިރާގެ މެންބަރު އާނާރާ ނައީމްވެސް މި ބިލަށް ވޯޓު ދެއްވާފަ އެއް ނުވެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅި މި ބިލު ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުނެވެ.
މި ބިލުގެ ސަބަބުން ނޫސްވެރިންނާއި ބައެއް އެހެން ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެ ބިލު ދިރާސާކުރާ ކޮމިޓީއިން ވަނީ އެ ފަރާތްތައް ހާޒިރުކޮށް ކަންބޮޑުވުންތައް ސާފުކޮށްފަ އެވެ. ނަމަވެސް ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވާކަންވެސް ފާހަގަ ކޮށްލެވެ އެވެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާބެހޭ ބިލު ކޮމިޓީއިން ފާސްވީ 11 މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ބިލު ފަރުމާކޮށްފައި ވަނީ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި، އެ ހައްގަށް އުނިކަމެއް އަޔަނުދިނުމަށް ޖޫރިމަނާތަކައި އަދަބުތަކުގެ އިތުރުން މީޑިއާތަކުން ހަބަރާއި ބްރޯޑްކާސްޓު ކުރުމުގައި މީހެއްގެ ދޮގު ހަބަރު ނުފެތުރޭ ގޮތަށް އަދި މީހެއްގެ އަބުރަށް އަރައި ނުގަނެވޭ ގޮތަކަށެވެ.