ރިޓަޔާމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާބޭނުންކޮށްގެން ގެދޮރު ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދެއްކުމަށް މީގެ ސަބަބުން ގެދޮރު ގަތުމަށް ބޭނުންވާ އަމިއްލަ ފަރުދުންނާއި އާއިލާ ތަކަށް މިހާތަނަށް ދިމާވެފައިވާ އެންމެ ދަތި އުނދަގޫ ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ.
ބީއެމްއެލް ހޯމް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ރިޓަޔާމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ އަމިއްލައަށް ލޯނަށް ހަރަދުކުރަންޖެހޭ %20 ގެ ތެރޭ ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބޯއެމްއެލް އިން ބުނެއެވެ. މި ގޮތުން މި ފައިސާ ލޯނުގެ މުއްދަތުގައި އެމްޕީއޭއޯގައި ކޮލެޓަރަލައިޒް ކުރެވިގެންދާނެއެވެ. ފަންޑުގައި ހުރި ފައިސާއިން އިކުއިޓީ އަށް ދައްކަންޖެހޭ އަދަދު ހަމަނުވާނަމަ ލޯނަށް އެދި ހުށަހަޅާފަރާތްތަކުން ބާކީ ބައި އަމިއްލައަށް ހަމަޖެއްސިދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ. ހޯމް ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔާމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެންވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފާ ކަމަށް ބީއެމއެލް އިން މައުލޫމާތު ދެއެވެ.
މި ސްކީމް އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އަމިއްލައަށް ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އިކުއިޓީގެގޮތުގައި ހުށަހަޅަންޖެހޭ އަދަދު ހަމަނުވުން ކަމަށެވެ. އެމްޕީއޭއޯ އާ އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން މިކަމަށް
ރަނގަޅު ހައްލެއް ލިބިގެންދާނެ އެވެ. ރިޓަޔާމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ ބޭނުން ކުރެވޭ އުމުރު ހަމަވުމުގެ ކުރިން މި ފައިސާ ބޭނުންކޮށްގެން ގެދޮރު ގަތުމުގެ ޑައުން ޕޭމަންޓް ފަސޭހަކަމާއެކު ދައްކާލެވޭނެ ފުރުސަތު ބީއެއެލްއިން ވަނީ ހުޅުވާލެވިފައެވެ.
މިއަހަރު ކުރީކޮޅު ބީއެއެލް އިންވަނީ ގެދޮރު ހޯދުމަށް ބޭނުންވާ ލޯނުތަކުގެ އިންޓްރެސްޓް އިން %2 ދަށްކޮށްފަ އެވެ. މިއަދު މި ގެނެވުނު ބަދަލާ ގުޅިގެން ގެދޮރު ހޯދުން މިހާރު މިވަނީ މީގެ ކުރިއާ އަޅާބަލާއިރު ފަސޭހަވެފަ އެވެ. އަދި އަގުގެ ގޮތުންވެސް ހެޔޮވެފައި ކަމަށް އެންޑްރޫ ވިދާޅުވިއެވެ.