މި އަހަރުގެ އޮފީސްތަކުގެ ޑްރާމާ މުބާރާތުން ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެކްޓަރަކަށް ފެނަކައިން ހުށަހެޅި “ފަންސަހައްޓި” ޑްރާމާއިން ފެނަކަ ކުޅުދުއްފުށީ ބްރާންޗްގެ އަހްމަދު އިސްމާއީލް ހޮވިއްޖެ އެވެ.
މިމަގާމަށް އަހުމަދު އިސްމާއީލް ހޮވުނީ އެސްއެމްއެސް މެދުވެރިކޮށް އެންމެ މޮޅު ޑްރާމާއާއި، އެކްޓަރ އަދި އެކްޓްރެސް ހޮވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ވޯޓް ހޯދައިގެންނެވެ. އެގޮތުން ބެލުންތެރިނަށް އެންމެ ކަމުދިޔަ އެކްޓްރެސްއަކަށްހޮވުނީ ކަސްޓަމްސް ޑްރާމާގެ ބަތަލާ އައިޝަތު ޔަޝްފާ އެވެ.
ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިދިޔަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ޑްރާމާއަކަށް ހޮވިފައިވަނީ ވެސް ފެނަކަ ކޯޕަރޭޝަންގެ “ފަންސަހައްޓި” އެވެ.
މި އަހަރުގެ މި މުބާރާތުގައި 6 އޮފީހަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ 1 ވަނަ ހޯދާފައިވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ “ދެކޭގޮތް” މި ޑްރާމާ އެވެ.
މުބާރާތުން އެންމެ މޮޅު އަންހެން އެކްޓްރެސް އަކަށް ހޮވިފައިވަނީ ކަސްޓަމްސް ސާވިސް އިން ހުށަހެޅި “ކޭތަ” ޑްރާމާގެ ބަތަލާ އައިޝަތު ޔަޝްފާ އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ހައުސިން އިން ހުށަހެޅި “ގެދޮރުވެރި” ޑްރާމާގެ ބަތަލް އަބުދުﷲ ހަލީލް އެވެ.
މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް އައު ފަންނާނުންނަށް ދައުވަތު ދިނުމާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރިއަށްދިޔުމުގެ ޝައުގު ހުންނަ ފަރާތްތަކަށް ދާއިރާއަށް ވަނުމަށް ހިތްވަރު ދިނުން ކަމަށް މުބާރާތް އިންތިޒާމްކުރި އެންސީއޭ އިން ބުނެ އެވެ.