twitterviber whatsapp telegramfacebookyoutube instagram
20th May 2025

ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭގޮތަށް ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރާ އިސްލާހު މަޖިލީހުން ފާސްކޮށްފި

Aug 17, 2016

ބިދޭސީ މުވައްޒަފުންގެ މުސާރަ އެކަންއުންޓަށް ޖަމާނުކޮށްފިނަމަ ވަޒީފާ ދޭ ފަރާތް ބޮޑު އަދަދަކުން ޖޫރިނަމާ ކުރެވޭގޮތަށް ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަން މަޖުބޫރު ކުރާ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތުން މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ކޮންމެ ބިދޭސީ މުވައްޒަފަކުވެސް ބޭންކް އެކައުންޓެއް ހުށައަޅަން ޖެހޭނެ ކަމަށާއި މީގެ އިތުރުން އަންނަ އޮކްޓޯބަރ މަހުން ފެށިގެން ބިދޭސީއެއް އަތުން ނަގާނީ ރާްއްޖޭގެ ބޭރަށް ފޮނުވާ ފައިސާ ރެމިޓެންސް ޓެކްސްގެ ގޮތުގައި 3 ޕަސެންޓް ނެގުމަށްވެސް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން މި އިސްލާހުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށާއި ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.

ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނަގައި، އެ ޓެކްސް ދައުލަތަށް ދެއްކުމަކީ ރާއްޖޭގައި ހިންގާ ބޭންކްތަކާއި ބޭންކް ނޫން މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އިސްލާހުގައިވެ އެވެ. އަދި މިއާ ހިލާފުވާ ފަރާތްތައް ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ އެވެ.

މި އިސްލާހު ފާސްވީ އިސްލާހު ދިރާސާކުރި ކޮމެޓީ އާއި މަޖިލީހުގެ ތަޅުމުގައި ގެނައި ބައެއް އިސްލާހުތަކާ އެކު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 25 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި އިސްލާހު ހުށައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355