ކުޅުދުއްފުށީ ބަނދަރު ޒަމާނީ ފެންވަރަކަށް ހެދުމަށް އޭޑީބީ އިން 9.6 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފި އެވެ.
ކުޅުދުއްފުށީ ހިއްކި ބިމުގައި ހެދުމަށް ހަމަޖެހިފައިވާ މި ބަނދަރު މަޝްރޫއު އެއްކޮށް ނިމުމުން ދުވާލަކު 250 ބޯޓަށް އެ ބަނދަރުން ހިދުމަތް ދެވޭނެ އެވެ.
އެގޮތުން އެ ބަނދަރު ތަރައްގީކޮށް މިހާރަށް ވުރެ ބޮޑެތި ކާގޯ އުފުލާ އުޅަނދުތަކަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިގު ދަތުރުތައް ކުރާ ބޯޓުތަކަށާއި ޕެސެންޖަރުންނަށް ބޭނުންވާނެ އެންމެހާ ޒަމާނީ ހިދުމަތްތައް އެ ބަނދަރުން ލިބެން ހުންނާނެ ކަމަށް އޭޑީބީއާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުތެރޭގައި ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގައި އިތުރު ވިޔަފާރީގެ ފުރުސަތުތައް ތަނަވަސްވެ، އެ ސަރަހައްދުގެ މީހުންގެ ދަތުރުފަތުރަށް ފަސޭހަވެގެންދާނެ ކަމަށް އޭޑީބީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ވަޒީފާތައް އިތުރުވެ އެ ސަރަހައްދު ތަރައްގީ އާއި އެހެން ވެސް ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުވެގެންދާނެ ކަމަށްވެސް އޭޑީބީން ބުނެއެވެ.
މި މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ބަނދަރުގެ އިދާރީ ކަންކަމާއި އަދި ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އޭޑީބީ އިން 500،000 ޑޮލަރުގެ އަގުހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.