މި އަހަރު ހަނިމާދޫގައި އީދު ކުޅިވަރަށް ކައުންސިލުން ފާސްކުރި ބަޖެޓުން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ވަކި އެއްޗެއް އަންގަންދެން ހަރަދު ކުރުން މަޑުޖައްސާލުމަށް އެކައުންސިލަށް އަންގައިފި އެވެ.
އެ ކޮމިޝަންގެ އިންފޮމޭޝަން އޮޕިޝަލް ހަސަން މަނިކު ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަޖެޓުން ހަރަދު ކުރަން މަޑުޖައްސާލުމަށް އެންގީ އެ ކޮމިޝަނަށް ހުށައެޅުނު ޝަކުވާ އަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ބަޖެޓް ހަމަޖެހިފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށާއި ބަޖެޓުން ހަރަދު ނުކުރުމަށް އެސީސީއިން ކައުންސިލަށް އެންގީ މިދިޔަ ހަފްތާ ތެރޭގައި ކަމަށް ހަސަން ވިދާޅުވި އެވެ. އެހެން ނަަމަވެސް މައްސަލަ ހުށައެޅި ފަރާތުގެ އެއްވެސް ތަފްސީލެއް އެފަރާތުން ދީފަ އެއްނުވެއެެވެ.
ހަނިމާދޫ ކައުންސިލުން މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށްޓަަކައި 8 ލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ވީޓީވީ އާއި ގުޅިގެން މި އަހަރުގެ އަޟްޙާ އީދު ހަނިމާދޫގައި ފާހަގަ ކުރުމަށްޓަކައި ރާއްޖޭގެ ނަން މަޝްހޫރު ބޭންޑްތަކާއި ރާއްޖޭގެ މަޝްހޫރު ފަންނާނުން ގެންދިއުމަށް ވަނީ ނިންމާފަ އެވެ.