އެންވަޔަރަމެންޓް މިނިސްޓްރީން ށ އަތޮޅުގެ 5 ރަށެއްގައި ޑަސްޕިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށް ޑެލިވަރީ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށް ޑެލިވަރީ ކުރުމަށް ހަވާލުކުރީ އެންޓްރަންސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
އެގޮތުން ޑަސްބިނާއި ކާދު ހެދުމަށް ހަމަޖެހިފައިވަނީ ށ އަތޮޅު މިލަންދޫ، ކޮމަންޑޫ، މާއުނގޫދޫ، މަރޮށި އަދި އެ އަތޮޅު ގޮއިދޫގ އެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 730،541.00 ރުފިޔާ އަށެވެ.
މި އެއްބަސް ވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެންޓްރަންސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހަސަން ސައީދެވެ.
މިއީ ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ސާފުރާއްޖެ ޒޯން އެކެއްގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ދަށުން ހަވާލުކުރެވުނު މަސައްކަތެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ ދަށުން 13 ރަށަކަށް ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެނައުމަށް ހަވާލުކޮށްފައިވާ އެ މިނިސްޓްރީން މައުލޫމަތު ދެއެވެ.