twitterviber whatsapp telegramfacebookyoutube instagram
25th April 2024

އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް 20.9 މިލިއަން ޑޮލަރު ހަމަޖެހިއްޖެ: ފިނޭންސް

Aug 22, 2016

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް 20.9 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ސައުދީ ފަންޑާއި އޯޕެކް ފަންޑުން 20.9 މިލިއަން ޑޮލަރު ހަމަޖެހުމާއެކު ސަރުކާރުން މިހާރު ވަނީ މި މަސައްކަތް ޑިޒައިންކޮށް، މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ. ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާއިރު އޯޕެކުން ދީފައިވަނީ 8.4 މިލިަން ޑޮލަރުގެ ލޯނެކެވެ.

ސާކް ސަމިޓަށް އިމާރާތް ކުރި ކޮންވެންޝަން ސެންޓަރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލް ނިމޭއިރު މުވައްޒަފުންނަށް ހާއްސަ ރިކްރިއޭޝަން ސަރަހައްދަކާއި ޒަމާނީ ފެންވަރުގެ އިތުރު އިމާރާތެއް އެ ސަރަހައްދުގައި ބިނާކުރެވިގެންދާނެ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދުގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. ނަމަވެސް މި ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

މާލޭގައި 25 ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އިމާރާތް ކުރުމުގެ މަސައްކަތް ބާރުލާފައި ކުރިއަށްދާއިރު ދާދި ފަހުންވެސް ވަނީ އައިޖީއެމްއެޗްގެ އާ އިމާރާތެއް ބިނާކޮށްފަ އެވެ. އަދި ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަމުގައި ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއްގެ ބޮޑު ބައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފަ އެވެ.

އެމްޑީޕީ ސަރުކާރު އޮތް ދުވަސްވަރުން ފެށިގެން ކުޅުދުއްފުށީގެ ހޮސްޕިޓަލް ފެންވަރު ރަގަޅު ކުރުމުގެ ވާހަކަތައް ވައުދުތަކާ އެމްއޯޔޫ ތަކުގެ ސިފައިގައި ދަނީ ފެންނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355