އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އައިހެވަން އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދީފި އެވެ.
ބަނދަރާއި ކާގޯ ރައްކާކުރާ ގުދަންތައް، އެއާޕޯޓް އަދި ކޮމާޝަލް އޭރިޔާތަކާއި މީހުން ދިރިއުޅޭތަންތަން ބިންހިއްކައިގެން ތަރައްގީ ކުރާ އައިހެވެން ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ހަމަޖައްސާފައިވާ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައިވެސް އެޕްރޮޖެކްޓެއްގެ ވާހަކަ ދެކެވި އަދި ރައީސް ނަޝީދު ސަރުކާރުގައި ވެސް އެވާހަކަ ދެކެވުނު، އައިހެވަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށޭނެކަމަށް މިހާރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް މިއަހަރުތެރޭ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އައިހެވަން ޕްރޮޖެކްޓަކީ މިސަރުކާރުން ހިންގާނެކަމަށް ބުނެފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ބޮޑު އެއް ޕްރޮޖެކްޓެވެ. މިޕްރޮޖެކްޓްގެ ފީސިބިލިޓީއެއް މިދިޔަ އަހަރު އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އިން ވަނީ ހަދާފައެވެ. އަދި ސައުދީ އިންވެސްޓްމަންޓް ފަންޑާއެކު ވަނީ މިޕްރޮޖެކްޓާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.