މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ކުރިޔަށްގެންދާ “ޕާޓްނަރސް ފޯ އެމްވީ ސްޕޯޓްސް” އަށް އެއްބާރުލުންދިނުމަށް އުރީދޫއިން ނިންމައިފި އެވެ.
ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށާއި އެތުލީޓުންގެ ހުނަރު ތަރައްގީ ކުރުމަށް ދޭ އެއްބާރުލުމުގެ ރަމްޒެއްގެ ގޮތުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރްޒޫގް ވަނީ ހާއްސަ ބެޓަންއެއް، އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އަށް މިއަދު ހަވާލުކުރައްވާފައެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއިން ދަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ހިތްވަރުދީ، ރާއްޖޭގެ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަތީ ވަނަތައް ހޯދުމަށް މަގުފަހިކޮށްދެމުން. މި ޕްރޮގްރާމް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެވޭތީ އަޅުގަނޑުމެން އުފާކުރާ ކަމަށާއި އުރީދޫ އާއި އެކު ހިއްސާކުރާ މުހިއްމު ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ފަހުރެއް ކަމަށެވެ.
މި ޕާޓްނާޝިޕްގެ ދަށުން ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއަރުވައިދީ އެކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ކާމިޔާބަށް ވާސިލްވުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެގޮތުން އުރީދޫ އިން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕް ސްކީމްއަށް އެއްބާރުލުންދޭނެއެވެ.