ކުޅުދުއްފުށިގައި ބަޔަކު ގަވާއިދާ ހިލާފަށް މިޔަރު ހިފާ އޭގެ އުރަހަގެ ވިޔަފާރިގެ ގޮތުގައި ބޭނުންކުރަން އުޅެނިކޮށް އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގިނަ އަދަދެއްގެ މިޔަރު އުރަހައާޢި އޭގެ މަސްތަކެއް ލޮނު އަޅާ އަވީލާފައި ހުއްޓާ ފެނި މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ އިއްޔެ މެންދުރު އެވެ.
ފުލުހުން ބުނީ އެއްޗެހި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ ކަމަށާއި އެމައްސަލަ ބަލަމުންގެންދާ ކަމަށެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކުޅުދުއްފުށިގައި ކުރީގައި ލޮޮނުމަސް އަޅަން ބޭނުންކުރި ސަރަހައްދެއްގައި ހުރި އަށިތަކެއް މަތިން ގިނަ އަދަދެއްގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށެވެ. އަދި ލޮނުމަސް އަޅައިފައިވާ މިޔަރުމަސްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ފުލުހުން ބެލިބެލުމުން 92 އުރަހަ އާއި މިޔަރު މަސްކަމަށް ބެލެވޭ 42 މަސްބުރި އެތަނުގައި ހުރިކަން ފާހަގަ ކުރެވުނުކަމަށް ފުލުހުން ބުނެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.