މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން(އިމަގު) ކުރިއަށް ގެންދާ އީދުގެ ހާއްސަ ކުޅިވަރުތައް ކުޅުމަށް މަލިކުން ގެންނަ ޓީމް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
އީދު ކުޅިވަރު ކުޅުމަށް މަލިކު އައި ޓީމުގައި 26 މީހުން ހިމެނެ އެވެ. މީއީ ރާއްޖޭގައި މަލިކު ބަޔަކު އީދު ކުޅިވަރެއް ކުޅުމަށް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
މަލިކު މީހުން އިއްޔެ ރާއްޖެ އައިސްފައިވާއިރު އެމީހުންނަށް ހަނިމާދޫ އެއާޕޯޓުގައި އަދި އިހަވަންދޫ ބަންދަރުގައި ގިނަ ބަޔަކު މަރުހަބާ ކިޔުމަށް ޖަމާވެފައި ތިއްބެވެ.
މިފަހަރު ބޮޑުއީދުގައި އިހަވަންދޫގައި މަލިކު މީހުންގެ ކުޅިވަރުތަކެއް ދައްކާލަން ވަނީ ހަމަޖެހިފަ އެވެ. އެކުޅިވަރުތައް އީދުގެ 3 ދުވަހުވެސް ކުރިއަށްދާނެ ކަމަށް އިމަގުން މައުލޫމާތު ދެ އެވެ.
މަލިކު މީހުންގެ ކުޅިވަރުތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރާއި ހަވާއެރުން ފަދަ ތަފާތު އެކި ކުޅިވަރުތައް އޮންނާނެ އެވެ.