ދުނިޔޭގެ ފަސްޓްއެއިޑް ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ ރެޑްކުރެސެންޓް ފަރާތުން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ހދ ރެޑްކުރެސެންޓް ކޯޑިނޭޓަރ އަހުމަދު އަބުދުﷲ ކޭއޯ ވިދާޅުވީ މިސެޝަންތައް ކުރިއަށްދާނީ ހދ ރެޑްކުރެސެންޓް ގޮފިތައް ހުރި 2 ރަށްކަމަށްވާ ކުޅުދުއްފުއްޓާއި ނޮޅިވަރަމްގަ ކަމަށެވެ.
އޭނާ ވިދާޅުވީ ހދ ގެ ހުރިހާ ރަށެއްގެ ސްކޫލުތަކުގައި މިސެޝަންތައް ކުރިއަށްގެންދަން ބޭނުން ނަމަވެސް އަދި އެ ކެޕޭސިޓީ އެފަރާތުގަ ނެތް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ހދ ރެޑްކުރެސެޓް މުޅި އަތޮޅަށް ފުޅާވެގެންދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މިއަހަރު ރެޑްކުރެސެންޓްގެ ތީމުކަމަށްވާ ފަސްޓްއެއިޑް ފޯ ޗިއުރެންސް ބައި ޗިއުރެންސްގެ ދަށުން ކުރިއަށްގެންދާ މި ސެޝަންތަކުގެ ބޭނުމަކީ ފަސްޓްއެއިޑަށް ދަރިވަރުން އަހުލުވެރި ކުރުވުންކަމަށެވެ.
މިހާތަނަށް އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި އަމީރު އަމީން ސްކޫލު އަދި ނޮޅިވަރަމް ސްކޫލާއި ލީޑިންގ ސްޓެޕް އިންޓަނޭޝަނަލްގައި މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.