twitterviber whatsapp telegramfacebookyoutube instagram
17th July 2025

މައްސަލައެއް ނެތްކަމަށް ބުނެ ކުޅުދުއްފުށީ ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ޒުވާނާގެ މައިބަދައިގެ ފަސް ބަދައަށް ގެއްލުންވެފަ

Sep 15, 2016

ސައިކަލަކު ވެއްޓި އަނިޔާވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު މައްސަލައެއް ނެތްކަމަށް ބުނެ ގެއަށް ދޫކޮށްލުމުން، މާލެ ގޮސް އައިޖީއެމްއެޗަށް ދެއްކުމުން އޭނާގެ ފަސްބަދައަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން އެނގިއްޖެ އެވެ.

ސައިކަލަކު ވެއްޓި އަނިޔާވެގެން މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ 18 އަހަރުގެ ޒުވާނެކެވެ.

” ގެއަށް ފޮނުވާލި އިރުވެސް އޭނާއަކަށް ކޮޅަކަށް ނުހުރެވޭ، އިށީދެ ވެސް ނީދެވޭ އަދި އޮށޯވެ އޮތުމަށްވެސް އުނދަގޫވޭ. އެކަމަކު ޑޮކްޓަރު ބުނަމުންގެންދިޔައީ އަނިޔާވެފައި ހުރީ މަސްގަނޑަށާއި ހަނގަނޑަށް ކަމަށް ” އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އާއިލާއިން ބުނީ ކަށީގެ ޑޮކްޓަރާއި އޮޕަރޭޝަން ޑޮކްޓަރުން ބެލުމަށްފަހު މަސައްލައެއް ނެތް ކަމަށް ބުނެ ގެއަށް ފޮނުވާލީމަ ދިޔައީވެސް އަށިގަނޑުގައި އެމްބިއުލާންސްގަ ކަމަށެވެ.

އޭނާގެ އާއިލާ މެމްބަރަކު ބުނީ ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ރަނގަޅުވާނެ ކަމަށް ބުނެ ނަމަވެސް އޭރުވެސް ޑޮކްޓަރާ މެދު އިތުބާރެއް ނެތް ކަމަށެވެ. ގެއަށް ފޮނުވާލި ދުވަހު ހޮސްޕިޓަލުގެ މެނޭޖަރު ވަހީދުގެ ސަމާލުކަމަށް ގެނެސް، ވަހީދުގެ އެދުމުގެ މަތިން އަލުން އެދުވަހު ރީއެޑްމިޓްކޮށް، އާސަންދަގެ ދަށުން މާލޭ ގެންދިޔައީ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ބެލުމަށްފަހު އޭނާގެ ފަސްބަދައަށް ގެއްލުންވެފައިވާ ކަމަށާއި މިހާރުވެސް މާބޮޑު ލަސްވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

” އައިޖީއެމްއެޗްގެ ޑޮކްޓަރުން ބަލާފައި ބުނީ ބަދައަށް މަސްއަރާފައިވާ ކަމަށް. ގެނައި ލެއް ލަސްވީ ކަމަށް ” އާއިލާ މެމްބަރަކު ބުންޏެވެ. އޭނާ ބުނީ މިހާރު އައިޖީއެމްއެޗުން އޭޑީކޭއަށް ގެނެސްފައި އެވެ.

އާއިލާއިން ބުނަނީ އޭނާގެ ހާލު ވަރަށް ގޯސް ކަމަށާއި ބޭރަށްވެސް ދާން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އާއިލާއިން ބުނެ އެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު އަދި ވަނީ ނުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355