އީދު ކުޅިވަރުތަކުގައި ބައިވެރިވެ އެކުޅިވަރުތައް ކުޅެލައި އެކަމުގެ އުފާ އެންމެން ހާސިލުކުރާއިރު އެކަންކަމުގައި ބައިވެރިވުމުގެ ނަސީބު ނެތް އެތައް ބައެއް މުޖުތަމައުގައި އުޅެ އެވެ. އުފަންވާއިރު ނުކުޅެދުންތެރިކަން ހުންނަ ގިނަ ފަރާތްތަކެއް އީދުގެ ކުޅިވަރުތަކުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ވަރަށް ނުފެންނަ މަންޒަރެކެވެ
ހދ ކުރިނބީއަކީ މިކަމުގައި ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑުއީދުގެ ކުޅިވަރުތަކުގައި އަމަލީގޮތުން އެރަށުގައި އުޅޭ ލޯ ފަން މީހުން ބައިވެރިކުރެ އެވެ. އެއުފަލުގައި އެންމެން ބައިވެރިކުރެ އެވެ. އެއީ އެގޮތުން ހަމަ ނަމޫނާ ރަށެކެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެއް އީދުގެ ކުޅިވަރުތަކުގައި ބައިވެރިވަނީ–
ކުރިނބީ ކައުންސިލުގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް އީދު ކުޅިވަރުތަކުގައި އެރަށުގެ ލޯފަން ރައްޔިތުން އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ކަމަށެވެ.
” އަޅުގަނޑުމެން ހަނދާން ހުންނަ ފެށީއްސުރެން މިކަން ކުރަމުން އައީ މިހެން ” މުޖުތަބާ ވިދާޅުވި އެވެ.
އެރަށުގައި އީދުގައި ކުޅޭ ކުޅިވަރުތަކުގައި އަމަލީ ގޮތުން ލޯފަން މީހުން ބައިވެރިކުރެ އެވެ.
އެރަށުގެ ލޮލުގެ ފެނުމުގެ މަހުރޫމްވެފައި ތިބި ބަޔަކު އީދުގެ ކުޅިވަރުތަކުގައި ބައިވެރިވަނީ–
މިއީ މިއަހަރު އަަލަށް އެމީހުން ކޮށްގެން އުޅޭ ކަމެއް ނޫނެވެ. ކޮންމެ އަހަރަކުވެސް މިކަން މިގޮތަށް ކުރިއަށްދެ އެވެ.
މުޖުތަބާ ވިދާޅުވިގޮތުގައި އެމީހުން ކުޅިވަރުތަކުގައި ބައިވެރިވެ އެކަން ކުރާއިރު އެހެން މީހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ކުރިނބީއަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އަޅާލާ އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމުގައި ނަމޫނާ ރަށެކެވެ.