twitterviber whatsapp telegramfacebookyoutube instagram
17th July 2025

އެއާޕޯޓް އަޅައި ނުދީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންފިނަމަ އިހްތިޖާޖް ކުރާނަށް: އަލީ

Sep 17, 2016

ރިޔާސީ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީގައި އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެއާޕޯޓް 2018 ނިޔަލަށް އަޅައި ނުދީ ކުޅުދުއްފުއްޓަށް އަރާވަޑައިނުގަންނެވޭ ކަމަށާއި ވަޑައިގަންފި ނަމަ ރައީސް ޔާމީނާ ދެކޮޅަށް ވަރުގަދައަށް އިހްތިޖާޖު ކުރާނެކަމަށް ކުޅުދުއްފުށީ ކައުންސިލުންގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވީނިއުސް އަށް ދެއްވި އިންޓަވިއުގެ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެއާޕޯޓެއް އަޅައި ދިނުމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ނަމަވެސް އެރަށުގައި އެއާޕޯޓް އަޅާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މިހާރު ނެތް ކަމަށެވެ. އެއާޕޯޓް އެޅުން ލަސްވަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް ކައުންސިލަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ޝަކުވާތައް ތަކުރާރުކޮށް ސަރުކާރާ ހިއްސާކުރި ނަމަވެސް އެއާޕޯޓާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ކައުންސިލާ ހިއްސާކުރަމުން ނުދާ ކަމަށާ ފޮނުވާ ސިޓީތަކަށް ޖަވާބުވެސް ނުދެއްވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ސަރުކާރުން ފޮނުވައިގެން ބޭރުގެ ކުންފުންޏަކުން އެރަށަށް ގޮސް އެއާޕޯޓާ ގުޅޭ އެސެސްމެންޓެއް ހަދަނީ ކަމަށް ބުނެ މަސައްކަތްތަކެއް ކުރި ކަމަށާއި އެހެންނަމަވެސް އެ އެސެސްމަންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އަލީ ވިދާޅުވީ ސަރުކާރުން އެއާޕޯޓް އަޅަން ނިންމާފައިވާ ބިމާއި ކައުންސިލުން ނުބެހޭނެ ކަމަށާއި ބޭނުންވަނީ ކޮންމެ ތަނެއްގައި ނަމަވެސް އެއާޕޯޓެއް އަޅަން ކަމަށެވެ. ހަމަ އެކަނި ވޯޓް ހޯދަން ރައްޔިތުންނަށް ހުވަފެން ދައްކާލުމަށް ވައުދެއް ވުމަކުން ނުނިމޭނެ ކަމަށާއި އެ ހުވަފެން ތަކުގައި ކުލަވެސް ޖެއްސުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދިނުމަށް ރައީސް ޔާމިން ވައުދުވެވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި 11 އޮގަސްޓް 2013 ގައެވެ.

ކުޅުދުއްފުށީ އެއާޕޯޓް މައްސަލާގައި ސަރުކާރު ގެންގުޅޭ ދޯދިޔާ ސިޔާސަތަށް ކައުންސިލުން މީގެ ކުރިންވެސް ވަނީ ފާޑުކިޔާފަ އެެވެ. އަދި އެމަޝްރޫއު ލަސްވަމުންދާތީ ކައުންސިލުން އެތަކެއް ފަހަރުވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު ހަދާ ފަރާތަކަށް ފަޅު ރަށެއް 50 އަހަރަށް ކުއްޔަށް ދިނުމަށާއި އަދި އެ އެއާޕޯޓް ހަދާ ފަރާތުން އެތަން ހިންގަން ބޭނުންނަމަ 25 އަހަރަށް އެ އެއާޕޯޓް ކުއްޔަށް ދިނުމަށް ވެސް ސަރުކާރުން ކުރިން ނިންމާފައިވެ އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355