ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަސީލް އަލީގެ އަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާކުޑަ ކުރިކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީ ބަލަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ އިންޕޮމޭޝަން އޮފިސަލް މުހައްމަދު ހަސީން ކޭއޯއަށް ވިދާޅުވީ އެމައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް އާއިލާއިން ބުނާތީ އެކަން ހިންގައި ދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
އެކަމުގެ ތަހްގީގަށް ބޭނުންވާ ލިޔެކިއުންތައް ފޮނުވުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އަންގާފައިވާއިރު އެކަމުގައި އިހްމާލުވާ ފަރާތެއްވާ ނަމަ އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ ބުނެ އެވެ
18 ، އަހަރުގެ އަސީލް ބާރު ސްޕީޑްގައި ސައިކަލް ދަނިކޮށް ވެއްޓި އަނިޔާވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައުމުން އެކްސްރޭ ނެގުމަށް ފަހު އޭނާއަށް އަނިޔާވެފައި ނުވާކަމަށް ބުނެ ގެއަށް ވަނީ ފޮނުވާލާފަ އެވެ.
އެހެންނަމަވެސް އޭނާ މާލެ ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ދެ ބަދަ ފުޑުވެ 6 ބަދައަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އޭނާ ބެލި އައިޖީއެމްގެ ޑޮކްޓަރުންނާއި އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ.
އަސީލަށް ފަރުވާ ދިނުމަށް އިއްޔެ އިންޑިއާއަށް ފޮނުވާލީ އާއިލާގެ ބައެއް މެމްބަރުންނާ ނަރުހަކާ ވެސް އެކުގަ އެވެ. އަސީލަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ޒުވާނެކެވެ.
އާއިލާއިން ބުނި ގޮތުގައި އަސީލަށް ފަރުވާ ކުރުމުގެ އިންތިޒާމުތައް އާސަންދައިން ވަނީ ހަމަޖައްސައިފަ އެވެ.