twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގެ ޖާދޫގެ މަގުތައް

Sep 18, 2016

ކުޅުދުއްފުށީގެ މަގުތަކުގެ ވާހަކައަކީ އާ ވާހަކައަކަށް ނުވާނެ އެވެ. އެއީ އެވާހަކަ ދެއްކިޔަސް ރައްޔިތުންނަށް ޖާޒުބީ އަސަރެއް ކުރުވާ ކަހަލަ ވާހަކަ އެކެވެ. ވިއްސާރަ މޫސުމުގައި ފޭސްބުކްގެ “ސްޓޭޓަސް” ތައް މި މައުޟޫގައި ނިކަން ހިނގާނެވެ. ލައިކުތަކާއި ކޮމެންޓްތަކުން ބަންޑުންވާނެ އެވެ. ނަމަވެސް ޖާދޫގެ މަގުތަކަށްވާ ސަބަބަކީ ހަމަ ވިއްސާރަ އޮބާލާ އިރަށް އޭރު އެ ހުރި ޖޯޝުގަނޑު މަތިން ހަނދާން ނައްތުވާލާތީ އެވެ. ފެންގަނޑުތަކުން ނެއްޓުމަށް ކުރަން ޖެހޭ މަސައްކަތަށްވުރެ ވަޅުގަނޑުތަކުން ނައްޓަން ކުރަން ޖެހޭ މަސައްކަތް ކުޑަވީމާވެސް ވާނީ އެހެންތާ އެވެ. ރައްޔިތުންނަށް މިހާރު ފެންގަނޑު ނުހުންނާނެ “ރޫޓް” ތައް ހުންނަނީ ހިތުދަސްވެފަ އެވެ.

ޖާދޫގެ މަގުތަކަށްވާ އަނެއް ސަބަބަކީ އަބަދުވެސް އިބިލީހުގެ ކައިވެނިހެން މަގުތައް ބޭރުގެ ފެންވަރަށް ހެދިހެދި ހުރުމެވެ. މާދަމާ، އަންނަ ހަފްތާ، އަންނަ މަސް މީ ހަމަ ރައްޔިތުން ނުލާހިކު ފަރިތަ، އެޔަށް ދެވިހިފާފައިވާ ބަސްތަކެވެ. މިހާރު އެއީ މާބޮޑު ކަމަކަށް ނުވާވަރަށް މި ބަސްތަކަށް ސަރުކާރުން ވަނީ ރައްޔިތުން ފަރިތަ ކުރުވައިފި އެވެ. ވަހީދުގެ ސަރުކާރުން އަވަސް އަރުވާލާފައި ނަމަވެސް ކޮންމެވެސް ފާޑަކަށް އަމީނީ މަގު ހަދާފައި އޮތްކަމީ ނަސީބެކޭ ހިތަށް އަރަ އެވެ. އަވިދޭ މޫސުމަށް ލޯ ފުރޭ ވަރަށް ހިރަފުސް އެރިޔަސް، ވަޅުގަނޑުތަކަށް ޖަހާ ޖަހާ ގޮހޮރު ހަލުވާލާކަށް ނުޖެހެ އެވެ.

ކުޅުދުއްފުށީ މަގަކުން ޓެކްސީއެއް ދަނީ–

 

ވިއްސާރަ މޫސުމަކީ މިހާރު ކުޅުދުއްފުށީ ރައްޔިތުންނަށް ފިސާރި ބޮޑު އަނިޔާ އެކެވެ. ދެ ހަފްތާއިން ހަދާލެވޭ މޮޅެތި ފެން ހިންދާ ނިޒާމުތަކަށް ކެތް ނުވާވަރަށް ފެންވެހޭތީ ވާގޮތް ކަންނޭގެ އެވެ. މިހާރު ރަށުގައި ހަދާފައިހުރި ނިޒާމުގެ ޓޭންކުތައް ބަންޑުންވެގެން ހަވަރުގެ ރަށަކަށް ހިންދާ ހިސާބަށްވެސް ހިނގައްޖެ އެވެ. ނުވިތާކަށް ބޮޑު މަގަށް ވެހޭހާ ފެންތައްވެސް ހިނދެނީ ހަދާފައިވާ މޮޅެތި ކާނުތަކަކަށް ނޫނެވެ. ބޮޑުބައެއް ދަނީ ގުޅިފައިވާ މަގުތަކަށެވެ. ރަށުގެ ހުރަސް ދެ ބޮޑު މަގު ކަމުގައިވާ މަގާން މަގާއި، ނިކަގަސް މަގުގެ ފެންގަނޑުތަކަކީ ހަމަ ޖާނުން ފިދާވާން ޖެހޭ ފެންގަނޑުތަކެކެވެ. ނިކަގަސް މަގުގެ އިރުމަތި ކޮޅުގައި ގޯނި ކޮށްޓެއް ޖަހާފައިވާ ހިސާބާއި، މަގާން މަގުގައި ކުރީގެ ވިންޑޯސް ކެފޭ ކައިރި ހިސާބަކީ ނުރައްކާތެރި ދެ ޕޮއިންޓެވެ. މި ނޫނަސް ހަމަ އެއްފަހަރުން ސައިކަލު ހުއްޓުވާފަދަ ސްޕީޑް ބުރޭކަރުތައް ރަށުގައި ގިނަ އެވެ.

ކުޅުދުއްފުށީ މަގަކުން ޓެކްސީތަކެއް ދަނީ–

 

ފެންގަނޑުތައް މި ދަރަޖައަށް ދިއުމުގައި ފަރުދީ ޒިންމާ އަދާކުރުމުގައި ވެފައިވާ އިހުމާލަކީވެސް ހިތާމަކުރަން ޖެހޭ ކަމެކެވެ. ގޭބިސީތަކުގެ ދިޔަދޮވިތަކުގެ ހޮޅިތައް މަގުމައްޗަށް ދޫ ކޮށްލާފައި ހުރުމާއި ފުރާޅުން ފައިބާހައި ފެނެއް މަގަށް ހުރުމަކީ ފެންގަނޑުތައް ބޮޑުވުމާއި ނުރައްކާތެރި ވަޅުގަނޑުތައް ހެދުމުގެ ސަބަބެކެވެ. މިކަމުގައި ހަމަ ނިކަން ފޯރާ މީހުންގެ އަމަލުތައްވެސް ހުންނަނީ ވަރަށް ނޭދެވޭ ގޮތަކަށެވެ. މަގަށް ދޫކޮށް ނުލައި ގޭތެރެގައި ހިންދޭނޭ ނިޒާމެއް ޤާއިމު ކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހެދިއްޖެ ނަމަ ކުޑަވަރެއްގެ ހައްލެއް ލިބުނީ އެވެ. ސަރުކާރުގެ ޒިންމާ އަދި ބާއްވާށެވެ. އެބޭފުޅުންގެ ޒިންމާއާ މެދު ވިސްނުމަށްވުރެ ނުވިސްނުމުން މާ ހިތްހަމަ ޖެހޭނެހެން ހީވެ އެވެ. ކައުންސިލްގައިވެސް ދިޔަދޮވި ޤަވާއިދެއް އޮންނަ ވާހަކަ އަޑު އަހަމެވެ. ތަންފީޒު ކުރުމުގެ ޒިންމާ އުފުލަނީ ކޮން ފަރާތެއް ކަމެއް ނޭނގެ އެވެ.

ރެ އާއި މިއަދު ވެހުނު ވާރޭގައި ކުޅުދުއްފުށީ މަގެއްގައި ފެންގަނޑު ހެދިފައި–

 

މީގެ އިތުރުން މަގު ހަދާ ޔުނިޓެއް އޮންނައިރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ޕަބްލިކް ވޯކްސްގެ ދަށުން އޮތް އިރަކަސް، ކައުންސިލުގެ ދަށުން އޮތް އިރަކަސް ވަކި ބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ. މަގު ހަދާލާފައި އަވަހަށް ފެން ޖަހާލުމަކީވެސް ތަންކޮޅެއް ގިނަ ދުވަހު މަގު ރީއްޗަށް އޮންނާނޭ ސަބަބަކަށް ވާނެ އެވެ. މިހާރުވެސް ފެންޖަހާކަން ފާހަގަ ނުކޮށް ދޫކޮށްލަން ހެޔޮ ނުވާނެ އެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ މިގޮތަށް މަގު ހެދުމަކީވެސް ދާއީމީ ހައްލެއް ނޫން ކަމެވެ. ނިންމާ ކޮޅު ނުޖެހޭނެ ގޮތެކެވެ. އަދި މަގު ހަދާ ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު، އެ މަގުތަކުން ވީ ވަރަކުން ދުއްވުން މަދު ކުރުމަކީވެސް ރައްޔިތުންނަށް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން އެ ބޭފުޅުންގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތްގޮތަށް އަމަލުތައް ބެހެއްޓުމަކީ ހަމަ ކުރިއަށް އެޅިދާނެ ފިޔަވަޅެކެވެ.

މިފަދަ ވާހަކަ އަކީ ދައްކަން ފަށައިފިއްޔާ ހުއްޓާލަންވެސް އުނދަގޫ ވާހަކަތަކެވެ. ވާހަކަ ދެއްކިޔަސް އަދި ހައްލެއް ނެތެވެ. ހައްލު ހޯދޭނެ ގޮތްތަކެއްވެސް ވިސްނަން ވަރަށް ބޮޑަށް ލަސްވެއްޖެ އެވެ. ސަރުކާރުން ކުޅުދުއްފުއްޓާއި މެދު ބަހައްޓާ ސިޔާސަތަކީ މީހުނަށް އޮޅިފައިވާ އޮތް ސިޔާސަތެއް ނޫނެވެ. އެ ސިޔާސަތަކީ ވޯޓަށް ކައިރި ކޮށްލާފައި ވައުދާއި މެނިފެސްޓޯއިން ހެއްވުމުގެ ސިޔާސަތެވެ. މި ސިޔާސަތު ބަދަލުކުރެވޭނީވެސް ހަމަ އަޅުގަނޑުމެންނަށެވެ. ހައްޤު ހޯދަން އަމަލީ ގޮތުން ހިންގުނު ހަރަކާތެއް ހިންގަންވީ އެވެ. ސްޓޭޓަސްތަކާއި، ބައްދަލުވުންތަކާއި، ކޯލުތަކާއި، ސިޓީތަކުން ނަމަވެސް ޕުރެޝަރު ކުރެވޭތޯ ބަލަންވީ އެވެ. ކޮންމެވެސް ޖާދުލަކުން ފެންގަނޑު ހިނދި މަގު ހެދޭނީވެސް އޭރުންނެވެ. އަމިއްލައަށް ޤަމާރުފުށި ކިޔާލާފައި ތިއްބަކަސް ނުވާނެ އެވެ. މިއީ ޤަމާރުފުއްޓެއް ނޫނެވެ. މިއީ ކުޅުދުއްފުއްޓެވެ. ކުރަން އުޅޭ ކަމެއް ކޮށްފައި ހުއްޓާ ރައްޔިތުން އުޅޭ ރަށެވެ. އެ “ކިކު” ދޭތެރެ ދޭތެރެއިން ނެރެން ހިނގާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355