twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލްގެ އިންތިހާބު އަންނަ ޖެނުއަރީމަހު

Sep 19, 2016

ކައުންސިލްގެ އިންތިހާބު އަންނަ ޖެނުއަރީމަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ.

އެގޮތުން މި އިސްލާހުގެ ސަބަބުން އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު 655 އަށް މަދުވާނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ.

ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބީ 945 މީހުންނެވެ. އެކަމަކު އާ ގާނޫނުގެ ދަށުން އެ އަދަދު 585 އަށް ކުޑަވާނެ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މިހާރު 132 އަށް އަރާއިރު ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މެމްބަރުންގެ އަދަދު 70 އަށް ކުޑަވާނެ އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނި ގޮތުގައި އަންނަ މަހުގެ 26ގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ އެވެ. މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ފެބްރުއަރީ 26ގައި ހަމަވާނެ އެވެ

ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ 7.3 މިލިޔަން ރުފިޔާ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނަށް މިހާރު މުސާރަ އަށް 2.7 މިލިޔަން ރުފިޔާ ހަރަދުވާއިރު، އާ ގާނޫނާއެކު މުސާރައިގެ ގޮތުގައި ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355