ސެމްސަންގޮ ގެލެކްސީ ނޯޓް 7 ގެ ފޯނު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބޭނުން ކުުރުން އިއްޔެއިން ފެށިގެން މަނާކޮށްފި އެެވެ.
އެގޮތުން މޯލްޑިވިއަން އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައިވާ ގޮތުން ލަގެޖުގެ ގޮތުގައި ދޫކޮށްލާ ފޮށްޓަށާއި ކާގޯ އަށް އެ ފޯނެއް ނުލެވޭނެ އެވެ. އޭގެ އިތުރުން ބޯޓުގައި ފޯނު ހުޅުވުމާއި ޗާޖުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ފޯނު ނިއްވާލުމަށް ފަހު ހަމައެކަނި ލެވޭނީ ކެބިން ބެގޭޖަށެވެ.
މީގެ އިތުރުން ނޯޓު 7 ހަލާކުވެ ހޫނުވެ އަދި ދުން އަރަން ފަށައިފި ނަމަ އެކަން ކެބިން ކްރޫއަކަށް އަންގަން ޖެހޭނެ ކަމަށް ވެސް އެޑްވައިޒަރީގައިވެ އެވެ.
އެ ކުންފުނީގެ ހެޑް އޮފް އެޑްމިން އަލީ ނަޝާތު “މިހާރު” އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން ނިންމާފައިވާ ގޮތަށް ގެލެކްސީ ނޯޓު 7 ގެ ފޯނު އެއްވެސް ފްލައިޓެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެކަމަށް އާއްމުން ހޭލުންތެރިކުރުމަށް ޓްރެވަލް އެޑްވައިޒަރީއެއް ވެސް އާއްމުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.