ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބުލޮކެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސް އިއުލާންކޮށްފި އެވެ.
އެކޮމޮޑޭޝަން ބުލޮކް އިމާރާތުގެ ބިޑް ސެކިއުރީޓީއެއްގެ ގޮތުގައި 35000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. އެނގިފައިވާ ގޮތުގައި އެހޮސްޕިޓަލުގައި އިމާރާތްކުރަނީ 3 ބުރީގެ އެކޮމޮޑޭޝަން ބުލޮކެކެވެ. މި އެކޮމޮޑޭޝަން ބުލޮކަކީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއު އެކެވެ.
މީގެ އިތުރުން ހދ އަތޮޅުގެ 6 ސިއްހީ މަރުކަޒެއް ތަރައްގީކުރުމަށްވެސް އިއުލާންކޮށްފައިވެ އެވެ. ކުރިނބީ، ނޮޅިވަރަންފަރު، ނާވައިދޫ، ކުމުންދޫ، ނެއްލައިދޫ އަދި ފިނޭގެ ސިއްހީ މަރުކަޒެވެ.
ސިއްހީ މަރުކަޒުތަކުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 15000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.
މިބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު ފައިސާ ބަލައިގަންނާނީ 19 ސެޕްޓެންބަރ އިން 19 އޮކްޓޫބަރ އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް ފިނޭންސް މިނިސްޓްރީންނެވެ.
ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރ ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި ފިނޭންސް މިނިސްޓްރީގައެވެ