3 އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ އިއްޔެ އެވެ. އިއްޔެ ވަނީ ބަންޑަރަމަގު ހޮޅިވަޅުލުމުގެ މަސައްކަތް ފަށާފަ އެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 13 މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހައުންސިންގ މިނިސްޓްރީ މީގެ ކުރިން ބުނެފައިވެ އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އެއަށް ފަހު ރައީސް ވަހީދުގެ ވެރިކަމުގައި ވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު މަޑުޖެހިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގަންފަހު ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ފެށުނު ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު އަލުން ފެށިފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރަށް ކުޅުދުއްފުށިން ގިނަ ފާޑުކިއުންތަކެއް ކުރިމަތިވެފައިވަނިކޮށެވެ.