twitterviber whatsapp telegramfacebookyoutube instagram
13th September 2025

ވިލާ ކޮލެޖްގެ ކެމްޕަހެއް ކުޅުދުއްފުށީގައި ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއެ ކޮށްފި

Sep 22, 2016

ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމްކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއެ ކޮށްފި އެވެ.

މިކަމަށްޓަކާ މިއަދު ހެނދުނު ކުޅުދުއްފުށީ ކައުންސިލު އިދާާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ ކައުންސިލުގެ ރައީސް އަލީ މުހައްމަދެވެ. ވިލާ ކޮލެޖްގެ ފަރާތު ސޮއެ ކުރެއްވީ ޑރ އަލީ ނަޖީބެވެ.

މިއެއްބަސްވުމުގައި ސޮއެ ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ އަލީ ނަޖީބު ވިދާޅުވީ ކުޅުދުއްފުށީގައި ގާއިމްކުރާ ކެމްޕަހުންވެސް މާލެގައި ހިންގާ ގިނަ ކޯސްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. ކޯސްތަކަށް ބޭނުންވާ ވަރަށް ދަރިވަރުން ލިބިއްޖެނަމަ ކޮންމެ ކޯހެއްވެސް ފަށާނެ އެވެ.

“މިކޮޅުން ކުދިން ލިބިއްޖެނަމަ މާލޭގައި ހިންގާ ހަމަ ކޮންމެ ޕްރޮގުރާމެއްވެސް ފަށާނަން” ނަޖީބް ވިދާޅުވި އެވެ. ނަޖީބު ވިދާޅުވީ ފުރަތަމަ މިބަލަނީ މިސަރަހައްދުގައި ތަރުހީބު ބޮޑީ ކޮންކަހަލަ ކޯސްތަކަކަށް ތޯ އެވެ. އަދި އެފަދަ ކޯސްތަކަށް އިސްކަން ދެއްވާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.

ވިލާ ކޮލެޖްގެ ކެމްޕަހެއް ކުޅުދުއްފުށީގައި ގާއިމްކުރުމަށް ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއެ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–

 

ކޯސްތަކުގައި ކިޔަވައިދެއްވުމަށް މާލެއިން ލެކްޗަރާއިން ގެނައުމަށް ހަމަޖެހިފައިވާއިރު ބައެއް ކޯސްތަކަށް ކިޔަވައިދެއްވުމަށް ކުޅުދުއްފުށިންވެސް ލެކްޗަރާއިން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެދުރު ހިޔާ ނުވަތަ ކުރީގެ އަމީރު އަމީން ސްކޫލު ހިންގި އިމާރާތުގައި މަތީ ތައުލީމް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތުގެ ބިޑް ކާމިޔާބުކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ. އެއިމާރާތް ކުއްޔަދެނީ 25 އަހަރު ދުވަހަށެވެ.

އަލީ ނަޖީބް ވިދާޅުވީ އެދުރު ހިޔާގެ އެއިމާރާތުގެ މަރާމާތުކޮށް ކޮލެޖް ކޮންސެޕްތައް ބަދަލުކޮށް ދަރިވަރުންނަށް ކިޔެވުމަށް ފަހި ތަނެއްގެ ގޮތަށް އެތަން ބަދަލުކުރާނެ ކަމަށާއި އެކަމަކު އަދި ބޮޑެތި އިމާރާތް އެޅުމަށް ހަމަޖެހިފައި ނެތް ކަމަށެވެ.

އެހެންނަމަވެސް ލިބޭ ތަރުހީބަށް ބެލުމަށްފަހު ކުރިއަށް އޮތްތަނުގައި ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ ގާއިމްކުރާ ވިލާ ކޮލެޖުގެ ކޯސްތައް އަންނަ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި އަދަދަކަށް ސްކޮލަރޝިޕް  ކައުންސިލަށް ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355