މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އެކަޑަމީ ހދ ނޮޅިވަރަމްގައި ފަށައިގަނެފި އެވެ. އެއެކަޑަމީގެ މަސައްކަތް ފަށާފައިވަނީ 50 ކުދިންނާ އެކު އެވެ.
މާޒިޔާ ސްޕޯޓްސްގެ ނޮޅިވަރަމް އެކަޑަމީގެ ޕްރެކްޓިސްތައް ދާގޮތާމެދު ކޭއޯއަށް ހިއްސާކުރަމުން އިބުރާހިމް ރަމީޒް ބުނީ އެއެކަޑަމީގެ ކުލާސްތައް ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ފެށުމަށް މާޒިޔާއިން ބޭފުޅުން އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުރަތަމަ ބެޗްގައި 50 ކުދިންނަށް ފުރުސަތު ލިބުމުން އަދިވެސް ގިނަ ބެލެނިވެރިންތަކެއް ޖާގަ އިތުރުކުރުމަށް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަމީޒު ބުނީ އެކަޑަމީއަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ރަށުން ލިބެމުންދާ ކަމަށެވެ. މިހާރުވެސް ޖާގަ އިތުރުކުރުމަށް މާޒިޔާއާ ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ.
މާޒިޔާގެ ނޮޅިވަރަމް އެކަޑަމީގެ ދަރިވަރުންތަކެއް–
އޭނާ ބުނީ އެ އެކަޑަމީއަށް ކޯޗުން ތަމްރީން ކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ކޯޗުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ މާޒިޔާއިން ކަމަށެވެ. އެގޮތުން އެތަނުގެ ކޯޗުން ތަމްރީން ކުރުމަށް މާލެ ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރަމީޒު ބުންޏެވެ.
ރަމީޒު ބުނީ ކޯޗުން މާލޭ ގެންގޮސް އެފްއޭއެމް ކުރިއަށްގެންދާ ތަފާތު ކޯސްތަކާއި ޕްރޮގުރާމްތަކުގައި ބައިވެރިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.