twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރިނބީ ބަނދަރުގެ މައްސަލަ ހަމަމަގަށް އެޅުވޭނެ ކައުންސިލެއް ބޭނުންވޭ

Sep 22, 2016

ލިޔުނީ: ޢަލީ ވިސާމް / ހދ.ކުރިނބީ

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ދުއިސައްތަ އަށް ކިލޯމީޓަރ ދުރުގައި ހދ އަތޮޅުގެ މެދުގައި އޮތް ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންވެސް ކުޑަ ހިތްޤައިމު ރަށެކެވެ. ގުދުރަތީ ފަޅެއް ލިބިފައި ނެތް ނަމަވެސް ރަށުގެ ހިތްޤައުމުކަން ދައްކުވައުދެނީ ރަށުގައި ދިރިއުޅޭ ހިތްހެޔޮ ހަތްސަތޭކަ އެތަށް ރައްޔިތުންނާއި އެ ރައްޔިތުންގެ ރަށްފުށު ދިރިއުޅުމުންނެވެ.

ކުރިނބީގެ ރައްޔިތުން ދާދި މިދާކަށް ދުވަހާއި ޖެހެންދެންވެސް ލަފާ ފުރަމުންއައީ ގާމަތި ރަށުގެ ވަށައިގެން ނަގަމުންދިޔަ ރާޅުރަކުގެ ތެރެއިން ފުރާނަ އަތްމައްޗަށް ލައިގެން، މިއަދު ވިހާ ތުއްތު ކުއްޖާވެސް އަތްދަނޑިމަތީގައި ބާއްވައިގެން ބިޔަ ރާޅުތަކުގެ ތެރޭގައި ކަނބާފައި ނިކުންނަ ކުދި ބޮއްކުރާތަކުގައިކަމީ ހިތްދަތި މާޒީވި ހަޤީޤަތެވެ. އެހެންނަމަވެސް 2011 ވަނަ އަހަރު 150 ފޫޓު ފުޅާ އަދި 300 ފޫޓު ދިގުމިނުގައި  މަސައްކަތް ފެށި ކުރިނބީގެ ބަނދަރުގެ މަސައްކަތް ބަރަވެލި ދުވެލީގައި ގޮސް ބޮޑުހިލަ ޖެހުމާއި ހަމައިން ހުއްޓިފައި އޮތުމަށްފަހު 2014 ވަނަ އަހަރުގެ އެޕްރިލް މަހުގެތެރޭގައި އަލުން ފެށިގެން ދިޔައީ މުޅިން ނިމިފައިވާ އެއްގަމު ތޮށި ( 300 ފޫޓު ) އެއްކޮށް ތަޅާލައި ބަނދަރުގެ ފުޅާމިނަށް 50 ފޫޓު އިތުރުކޮށް 200 ފޫޓު 300 ފޫޓުގެ ބަނދަރެއްގެ ގޮތުގައެވެ. 3 ރައީސުންގެ 5 އަހަރު ދުވަހުގެ މިންނެތް މަސައްކަތުން ކުރިނބީ ބަނދަރު 2016 ވަނަ އަހަރުގެ ކުރީކޮޅުގައި މުޅިން ނިމިގެންދިޔައިރު ރަށުގެ ރައްޔިތުން ތިބީ ބަނދަރުގެ ފޮނިމީރުކަން ލިބޭނެ ދުވަހަކަށް ކެތްމަދުވެފައެވެ.

އެރަށަކަށް ކަންނެލި ދޯންޏަކާއި އާދައިގެ ވަރެއްގެ ފަސް މަސް ދޯންޏާއި ސްޕީޑް ލޯންޗެއްގެ އިތުރުން 4 ޑިންޤީއާއި ކުދި ބޮއްކުރާތަކެއް ނިސްބަތްވާ ހދ.ކުރިނބީ ބަނދަރުން ފަލާފުރުމުގައި ދިމާވެގެން އުޅޭ ހަޤީޤީ މައްސަލައަކީ އުސޫލެއް ނެތި ބަނދަރުގެ ބޭނުން އެމީހަކު ހިތަށް އެރިހާ ގޮތަށް ހިފަމުންދިއުމެވެ. ބަނދަރުގެ އިރު އުތުރު ކަނުން ކަނޑިންމަ ކަނޑާފައިވާއިރު، ރަށުގައި ގެންގުޅޭ އޮޑިދޯނިފަހަރު އަޅާފައިވަނީ ބަނދަރުގެ ހުޅަނޑު ކޮޅުގެ ތޮށިގަނޑަށްވާ ގޮތަށެވެ. އަދި ސްޕީޑް ލޯންޗުންގެ ފައްތިޔާ ޖަހާފައިވަނީ ބަނދަރުގެ ކަނޑު ތޮށްޓާއި ކައިރީގައި މެދާކަންހިސާބުގައެވެ. ހަމައެކަނި އޮތް ކަންނެލި ދޯނި އަޅާފައިވަނީ ދެ ސިޑީގެ ތެރެއިން އެއްސިޑިއަށް ކައިރި ނުކުރެވޭ ގޮތަށް އެ ސިޑި ކައިރީގައެވެ.

ކުރިނބީ ބަނދަރު ބޭނުން ކުރުމުގެ ގައިވަދެއް އަދިވެސް ހެދިފައެއް ނެތް–

ކުރިނބީ ބަނދަރަކީ ބަނދަރުގައި އޮވެވޭނަމަ، ކަންނެލި ދޯނި ތަކާއި ސަޕްލައި ދޯނިތަކުން އާންމުގޮތެއްގައި ރޭގަނޑު މަޑުކޮށްލާ މަންޒިލެކެވެ. މިފަދަ ހާލަތްތަކުގައި ވޭތުވެދިޔަ ހަތަރު މަހުވެސް ރަށަށް ލަފާ ފުރާ ފަރާތްތަކަށް ބޭނުންކޮށްލާނެ ސިޑިއެއް ނުލިބި އެކަމުގެ ދަތިތަށް އައީ އެ ރައްޔިތުން ތަހައްމަލު ކުރަމުންނެވެ. އެހެންނަމަވެސް އިއްޔެ ހަވީރު ކަންނެލި ދޯންޏެއް ކުރިނބީ ބަނދަރުގެ ކަނޑިންމަ ފައިކަށީގެ ބޭރު ކޮޅުން ހިލަ ތޮށީގެ މަތިން އުޅަނދުފަހަރު ވަދެ ނިކުތުމަށް ދަތިވާގޮތަށް ވާއެޅުމާއި ހަމައަށްވެސް ކަންހިނގަމުންއައީ އެބަޔަކު ބޭނުންތާކު ބޭނުން ގޮތަކަށް އޮޑި ދޯނިފަހަރު އެޅުމުގެ އުސޫލުންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުން އުފުލަމުންދިޔަ ދަތިތަކާއެކު ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް ގޮސް މަޝްރަހު ހޫނުވުމުން ކުރިނބީ ކައުންސިލުން ވާ ނަގަން އެންގުމުން ވާ ނަގަންއުޅުނުއިރު ވާ ކަނޑާލާފައިވާ ކަމަށް ކަންނެލި ދޯނިންބުނި ނަމަވެސް އެވަގުތު ބަނދަރުގައި އެތަށް ބަޔަކު ތިތްބެވެ. ވާ ކަނޑާލީ ކޮންބައެއްކަން ސާފުވާނެ އެއްވެސް ގޮތެއް ނެތްމެއެވެ. މިހާ ހިސާބަށް ކަންކަން ބޮއްސުން ލައިގެން ދާންޖެހޭނެ ސަބަބުތަކެއް ހުންނާނެކަން ޤައިމެވެ.

ކުރިނބީ ބަނދަރު ބޭނުންކުރާނެ އެއްވެސް ޤަވާއިދެއް އުސޫލެއް ކަނޑައެޅިފައި ވޭތޯ ދެންނެވުމުން ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ މިހާތަކަށް އެފަދަ އުސޫލެއް ނުވަތަ ޤަވާއިދެއް ކައުންސިލުން ކަނޑަޅާފައި ނުވާނެކަމަށެވެ. އުސޫލެއް ނެތި ބަނދަރު ބޭނުންކުރަމުންދާއިރު ބަނދަރާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ޝަކުވާ ލިބިފައިވާ ކަމަށާއި މައިގަނޑު ގޮތެއްގައި ލިބިފައިވަނީ ސިޑި ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އެޝަކުވާ އާއި ގުޅިގެން ކުރިނބީ ކައުންސިލުން އޮޑިދޯނިފަހަރުގެ ވެރިންނާވެސް ބައްދަލުކޮށްފައިވާއިރު އެ ބައްދަލުވުންވެސް ނިމިގެންދިޔައީ މައްސަލައަށް ހައްލެއް ނުހޯދިއެވެ.

ކުރިނބީ ބަނދަރުގައި ދޯންޏެއް އަޅާފައި–

 

ކައުންސިލްގެ ރައީސްއަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުޖުތަބާ ވިދާޅުވީ ” ޤަވާއިދެއް އެކުލަވާލުމުގެ ވިސްނުން ކައުންސިލްގެ އެބަހުރި، ހާއްސަކޮށް ރޭގަ މި ދިމާވި ކަންތަށްތަކާއި ގުޅިގެންނާއި އެއްކޮށް ބަނދަރު ބޭނުންކުރުމުގެ އުސޫލެއް ކަނޑައެޅުމުގެ ވިސްނުން އެބަހުރި، އޭގައި ހަމަ ފާހަގަކޮށްލަން ބޭނުން އަސްލު ހަޤީޤަތުގައި ޤަބޫލެއް ނުކުރެވޭ ޤަވާއިދެއް ނެތިގެން ކަމަކަށް ބަނދަރުގެ މައްސަލަ ހައްލު ނުވެގެން މިއުޅެނީ، ގަވާއިދެއްގެ ތެރެއިން ހުރިހާ ކަމެއް ކުރަންވެއްޖިއްޔާ އެއީ ވަރަށް ދަތި އުނދަދޫތަކެއް، އެހެންނަމަވެސ ޤަވާއިދެއް އޮންނަން ނުޖެހެޔެކޭ ނޫން، ޤަވާއިދެއް އޮންނަން ޖެހޭ” ކަމަށެވެ.

ދިމާވެގެން އުޅޭ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ ކިހާ ދުވަހަކުންތޯ ދެންނެވި ސުވާލުގެ ޖަވާބުގައި ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވީ ސީދާ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށާއި މިދައުރުގައި ބާކީ އޮތް ދުވަސްތަކުގައި ފައިނަލް ގަވާއިދެއް އެކުލަވާ ނުލެވުނަސް ބަނދަރުގެ އެއްވެސް ސިޑިއެއްގައި އޮޑިދޯނިފަހަރު އަޅާފައި އޮތުން މަނާކުރުމަށް ކައުންސިލުން ފާސްކޮށް ބޯޑު ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރާ ގޮތާއި މަސައްކަތް ކުރާ މިންވަރުގެ ތަފާތު ރައްޔިތުންނަށް ދައްކުވައިދޭން ވައުދުވެ ކައުންސިލަށް އިންތިހާބުވެވަޑައިގެން ކައުންސިލަރުންނަށް، އެތަށް މަހެއް ވެގެންދިޔަ އިރުވެސް ރައްޔިތުންނަށް ދިމާވާ މިފަދަ ބޮޑެތި ދަތިތަކަށް ހައްލެއް ހޯދައި ނުދެވުނީމަ، ދެކެން ބޭނުންނުވާ މަންޒަރުތަކާއި އަހަން ބޭނުންނުވާ ބަސްތަށްވެސް މިވަނީ ލޮލަށް ފެނި ކަންފަތަށް އިވެން ފަށާފައެވެ.

ކުރިނބީގައި ގެންގުޅޭ އޮޑިދޯނިފަހަރަށް ބަލާފައި ބަނދަރު ކުޑަކަމަށް ޤަބޫލުކުރާހާލު ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވީ ” އަޅުގަނޑުގެ އަމިއްލަ ނަޒަރުން ޤަބޫލުކުރާ ގޮތުގަވެސް، އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވެސް އެބަ ބުނޭ މިހާރު ދޯނި އަޅާފައި ހުރި ގޮތަށް ނޫން އެއަށްވުރެ ރަނގަޅަށް އެ ބަނދަރުގައި ދޯނިތަށް އެޅޭނެއޭ، އަޅުގަނޑަށް ޤަބޫލުކުރެވޭ އެއަށްވުރެ ދޯނިތަށް ކައިރި ކުރެވޭނެ” ކަމަށެވެ. ދެ ދޯނި ދޭތެރޭގައި އިތުރު ދޯންޏެއް އެޅޭނެހާ ޖާގަ ބާއްވައިގެން ފައްތިޔާ ޖަހާފައިވާއިރު، ތޮށިގަނޑާއި 40 ވަރަކަށް ފޫޓް ފަހަތުގައި ދޯނި އޮންނާނެ ގޮތަށް ދޫކޮށްލެވިފައިވާއިރުވެސް އަދި މިވަނީ ހައްލެއް ލިބޭނެ ދުވަހެއްވެސް ނޭނގިއެވެ.

ކުރިނބީ ބަނދަރުގައި ލަކުޑިތަކެއް ބަހައްޓާފަ–

 

ހަމައެކަނި އޮޑިދޯނިފަހަރު އެޅުމުގެ މައްސަލައެއްވެސް ނޫނެވެ. ކުރިނބީ ކައުންސިލުން ނީލަންކީ ރުއްތަކެއް ނީލަމުންނެގި އަމިއްލަ ފަރާތަކުން ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރެ ފީވެގެންދާއިރުވެސް އެ ސަރަހައްދުން އެތަކެތި ނެގުވުމުގެ ޒިންމާވެސް ކޮންމެވެސް އިދާރާއަކުން އުފުލަން ޖެހޭނެ ނޫންތޯއެވެ! މި ހިތްގައިމު ހޮޅުއަށިތަކާއި ސޯސަލް މީޑިއާއަށް ހޫނު ބަހުސްތަކެއް އުފަންވެގެން މިދިޔައީ ހަމައެއް ލަމައެއް ނެތި ބަނދަރުގެ ބޭނުން ކުރަމުންދާއިރުވެސް، އެކަމަށް ހައްލެއް ހޯދައިދިނުމުގައި ކުރިނބީ ކައުންސިލް ފެއިލްވެފައިވާތީކަމީ ޤަބޫލުކުރަން ބޭނުންނުވިޔަސް ހަޤީޤަތް ނޫންތޯއެވެ؟ ރަށުގެ ވެރިން މިވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހިނގާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ނާކާމިޔާބުވެފައިކަން ޤައިމެވެ.

ރައްޔިތުން އެދި އެދި ތިބީ ލަފާފުރުމުގައި ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ކައިރި މުސްތަޤްބަލެއްގައި ހައްލެއް ލިބިގެން ދިއުމަށް ކަމަށްވާއިރު ކޮންމެ ރައްޔިތަކުވެސް މަސްލަހަތަސް އިސްކަންދީ ފަރުދީ ޒިންމާ އުފުލުމުގެ މުހިންމުކަންވެސް ފާހަގަކޮށްލަމެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355