ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށާއި އެތަނުގައި ތިބި ފުލުހުންނާ ދިމާލަށް ގާ އުކި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިމައްސަލާގައި ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ކުޅުދުއްފުށީ ފަރުދާގެ، މުހައްމަދު ޒަޔާންގެ މައްޗަށެވެ.
ހުކުމުގައި ވަނީ ފެބްރުއަރީ 8 ދުވަހުގެ ރޭ ގެ ވަގުތެއްގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ދެކުނު ފަރާތު އިރުމަތީ ގޭޓް ކައިރިއަށް އޭނާ ގޮސް އެތަނުގައި ތިބި ފުލުހުންނާއި ޕޮލިސް ސްޓޭޝަނަށް އަމާޒުކޮށް ގަލާއި ފަންތޮށި އުކާފައިވާކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.
އެހެންވެ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދޭން އުޅުނުކަން ޒަޔާންގެ މައްޗަށް ސާބިތުވާތީ އޭނާ ހަ މަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
މިއީ ޒަޔާންގެ މައްޗަށް މިފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މީގެކުރިން ވެސް ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހަމަލާދީ ހަމަނުޖެހުން ހިންގި ކަމުގެ ކުށުގައި އަށް މީހެއް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފަވެ އެވެ.