ބަދު އަހުލާގީ މައްސަލައެއްގައި ގޭ ބަންދަށް ބަދަލުކޮށްފައި ހުރި 55 އަހަރު ދުވަސްވީ ފިރިހެނަކު ހދ މަކުނުދޫގައި ދަންޖެހިގެން މަރުވެއްޖެ އެވެ.
މަކުނުދޫ ކައުންސިލަރަކު ބުނީ ދުވަސްވީ މީހަކު ދަންޖެހިފައި ހުއްޓާ ފެނިގެން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑީއާ އޮފިސަލަކު ވިދާޅުވީ މަކުނުދޫގައި މީހަކު ދަންޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހަކީ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައިވާ މީހެއް ކަމަށެވެ.
އެހެންނަމަވެސް ކޮން މައްސަލައެއް ކަމެއް އޮފިސަލު ނުބުންޏެވެ. އެމީހާ ދަންޖެހިފައި ހުއްޓާފެނިފައިވަނީ އޭނާ ގޭގެ ގިފިލިތެރޭގައި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ ކުޑަ އަންހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ކުރީކޮޅު ފުލުހުން ހައްޔަރުކުރި މީހެއް ކަމަށާއި އެނާއަކީ އާއިލީ މައްސަލަތަކުގެ ސަބަބުން ބައެއް ފަހަރު ބޯހަމަނުޖެހޭ ގޮތަކަށް އުޅޭ މީހެއް ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި އެމިހާ ބުނީ ކޯޓުން އެމިހާ ގޭ ބަންދަށް ބަދަލުކުރި އެމީހަކީ އެކަނި ދިރިއުޅެމުން އަންނަ މީހެއްކަމަށެވެ.