މިހާރަށް ވުރެ ކުޅުދުއްފުށީ މަގުތައް އަލިކޮށް ބެހެއްޓުމުގެ ގޮތުން ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫއުއެއް ފަށައިފި އެވެ.
މިމަޝްރޫއުގެ ދަށުން ކުޅުދުއްފުށީ އަމީނީމަގު މިހާރު ހުރި ހޮޅިދަނޑުތައް ނަގައި އާ ޑަބަލް އާމް ހޮޅިދަނޑިއާ އެކު ލެޑް ލައިޓް ހަރުކުރެވޭނެ ކަމަށް ކައުންސިލަރު އަލީ ހާޝިމް ވިދާޅުވި އެވެ.
5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން އަމީނީމަގުގެ އިތުރުން އުތުރު ބަނދަރު ސަރަހައްދާއި މިހާރު ހޮޅިބުރި ނެތް ސަރަހައްދުތަކުގައި ލައިޓް ހަރުކުރެވޭނެ އެވެ.
އަލީ ހާޝިމް ވިދާޅުވީ ލެޑް ލައިޓަށް ބަދަލުކުރުމުން ރަށުތެރެ އިތުރަށް އަލިވެގެންދާނެ ކަމަށާއި މިމަޝްރޫއު ދަށުން ޖުމްލަ 216 ދަނޑިއާ އެކު ލައިޓް ހަރުކުރެވޭނެ ކަމަށެވެ.
އަލީ ހާޝިމް ވިދާޅުވީ މިމަޝްރޫއު އަކީ ކައުންސިލުން އެދިގެން އެލްޖީއޭއާ ހޯމް މިނިސްޓްރީގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
މިމަޝްރޫއު ކުރިއަށްދަނީ އެމީން މޯލްޑިވްސް ހަވާލުކޮށްގެން ނެވެ.